ޑިސެމްބަރ 26, 2025

ސައީދަށް ”ދުއްޕާނަކަށް“ވީ އެއާޕޯޓު މިހާރު ތަރައްގީގެ ނާރެހަކަށް! 

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ވެގެންދާނީ އުތުރުގެ ތަރައްގީގެ ބޮޑު ނާރެހަކަށް ކަމަށް ވިދާޅުވެ، މިދިޔަ ސަރުކާރުން ފެށި އެ މަޝްރޫއަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ތައުރީފުކުރައްވައިފިއެވެ.

މީގެ ކުރިން މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވާހަކަދައްކަވަމުން ސައީދު ވަނީ އެ އެއާޕޯޓުގެ މަސައްކަތަށް ފާޑުވިދާޅުވެފައެވެ.

”ހަނިމާދުއަށް ބޭނުންނުވާ ވަރުގެ އަސްކަރީ ބޮޑު ރަންވޭއެއް އަޅަން 135 މިލިއަން ޑޮލަރު އަޅުގަނޑުމެންގެ މި ދައުލަތުގެ މާލިއްޔާއިން އިންޑިއާއިން އަޅުގަނޑުމެންގެ ބޮލުގައި އެޅުވީމަ ދުއްޕާނަކަށް ނުވޭތޯ؟،“ ސައީދު އޭރު ވިދާޅުވެފައިވެއެވެ.

ހަނިމާދޫ އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިންމުމަށްފަހު، އެއާޕޯޓު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތަށްފަހު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ހަނިމާދޫ އެއާޕޯޓުގައި އާ ރަންވޭއަކާއި ވަރަށް ބޮޑު ޓާމިނަލެއް ހުޅުވިގެން ގޮސްފައިވާ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި އިންޓަގްރޭޓެޑް އިންކްލޫސިވް ޑިވެލޮޕްމަންޓެއް އުތުރަށް އަންނަ ގޮތަށް ވަރަށް ބޮޑަށް އޮންނާނެ ކަމަށެވެ.

”އެހެންވީމާ ހުޅުވިގެން މިދިޔަ އެއާޕޯޓު ވެގެންދާނީ އުތުރުގެ ތަރައްގީގެ ވަރަށް ބޮޑު ނާރެހަކަށް. ރައީސްގެ ވާހަކަފުޅުގައި މި ސަރަހައްދުގައި އިންވެސްޓުކުރުމަށް ވަރަށް ބޮޑު ބާރެއް އެޅުއްވި،“ މިނިސްޓަރު ވިދާޅުވިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށްގެންދިޔަ ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން އަލަށް ގާއިމުކުރި ރަންވޭ އަކީ 2.7 ކިލޯމީޓަރުގެ ދިގު ރަންވޭއެކެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީކުރުމުގެ މަޝްރޫއު ފަށާފައިވަނީ 18 ޖެނުއަރީ 2023 ގައެވެ.

އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ވަނަ އަހަރު ސޮއިކުރި އެލްއޯސީގެ ދަށުން ކުރިއަށްގެންދިޔަ އެ މަޝްރޫއުގެ ދަށުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތްކުރާނެއެވެ. އަދި އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

4 Comments

  • Abraham Lincan ނޮވެމްބަރ 10, 2025

    Rosy

  • Mau Mittey ނޮވެމްބަރ 10, 2025

    Saeed akee aharumen dhivehinnah ”Dhuppaaneh“

  • Mohamed Ibrahim ނޮވެމްބަރ 10, 2025

    Mi fini fen maa saeed mi qauma jehi huri dhuppaane

  • Ali Nafiu ނޮވެމްބަރ 10, 2025

    Ladhu hayaaiy vess kuda doreh thiee

Leave a Reply to Mohamed Ibrahim Cancel reply