ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިދިޔަ ހަފުތާގައި އަތުލައިގަތް ސްރީ ލަންކާގެ ޑްރަގް ބޯޓު، އެ ގައުމާ ހަވާލުކުރުމުގެ މަސައްކަތް ރާއްޖެއިން ކުރަމުންދާ ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެ ބޯޓު އަތުލައިގަނެފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ. އެ ބޯޓު ފެނުނީ ބޭރުގެ ބޯޓެއް ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ސިފައިންގެ ވައިގެ ހިދުމަތް، އެއާ ކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސް އޮޕަރޭޝަނެއްގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
ލަންކާގެ ނޫސްތަކުން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި މަސްތުވާތަކެތި ފެނުނު ބޯޓު ލަންކާއާ ހަވާލުކުރުމަށް ކުރަންޖެހޭ ކަންކަން މިހާރު ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ދިވެހި ފުލުހުންނާއި ސިފައިން އަދި ބަހެއް ބުނެފައެއް ނުވެއެވެ.
މިދިޔަ ހޯމަ ދުވަހު ދިވެހި ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ލަންކާގެ މަސް ބޯޓެއް ކަމަށް ބެލެވޭ ”އަވިޝްކާ ޕުތާ“ ރާއްޖޭގެ ސަރަހައްދަށް ވަދެފައިވަނީ އެއްވެސް ހުއްދައެއް ނެތި ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށާއި އެމްއެންޑީއެފުން އެ އުޅަނދު ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގޯނިތަކެއް ހުރިކަން ފާހަގަކުރެވިގެން، އުޅަނދާއި އުޅަނދުގައި ތިބި ފަސް ފަޅުވެރިން މިދިޔަ އާދީއްތަ ދުވަހު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން މިދިޔަ އާދީއްތަ ދުވަހު އެ އުޅަނދު ބަލައި ފާސްކުރި އިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 24 ގޯނި ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 355.9 ކިލޯ ގްރާމް ހުރި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހެރޮއިން ކަމަށް ޝައްކުކުރެވޭ 58.6 ކިލޯގްރާމް އަދި މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ 297.3 ކިލޯގްރާމްގެ ތަކެތި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި ލަންކާއަށް ނިސްބަތްވާ ފަސް މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 39، 42، 28، 34 އަދި 63 އަހަރުގެ ފަސް ފިރިހެނުން ކަމަށެވެ.
އެ މައްސަލަ ދިވެހި ފުލުހުންނާއި ދިވެހި ސިފައިންނާއި ލަންކާ ނޭވީ އަދި ލަންކާ ފުލުހުން ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައިގެ ތަހުގީގަށް ލަންކާގެ ޓީމެއް މިހާރު ހުރީ ރާއްޖޭގައެވެ.




ގުޅުންހުރި
64 އަހަރުގެ މީހަކަށް ޒުވާން ލޯބިވެރިޔާ ހަމަލާދީ ޒަހަމްކޮށްލައިފި
ވިލިމާލެ ޕޮލިހުން ސިނގިރޭޓު ކާޓޫންތައް ގެއްލުނު މައްސަލައިގައި ފުލުހަކު ހައްޔަރުކޮށްފި
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
އޮޕަރޭޝަން އަލިމަގު: އައްޑޫން ހައްޔަރުކުރި މީހުންގެ އަދަދު 10 އަށް
ޓެލެތޯނުން ލިބުނު އަށް ލައްކަ ޑޮލަރު ލަންކާ ސަރުކާރާ ހަވާލުކޮށްފި