ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރުގައި ބަހައްޓާފައި ހުއްޓައި، އެ ދެ ކޮންޓެއިނަރު ވަގަށް ނެގި މައްސަލައާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި ބަހައްޓާފައި ހުއްޓައި ވަގަށް ނަގާފައިވާ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ ނުވަވަނަ ދުވަހުއެވެ. ގެއްލުނު ކޮންޓެއިނަރުގައި 13.6 މިލިއަން ސިނގިރޭޓް ހުއްޓެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ ބަންގުލަދޭޝަށް ނިސްބަތްވާ މުހައްމަދު އަލަމިން މިއާ (36އ) ކަމަށެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގެ ތުހުމަތުގައި މިހާތަނަށް ޖުމުލަ 10 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލައިގައި ފުރަތަމަ ހައްޔަރުކުރީ ހަތަރު މީހެކެވެ. އެއީ މއ. އެވާ ގްލޯރީ، ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ބ. އޭދަފުށީ، ދިގަލި، ވިޔަފާރިވެރިޔާ ދިގަލި މުހައްމަދު ވަހީދުގެ އިތުރުން ހ. ނިއު ހެޕިނަސް، މުއާޒު އަލީ އަދި ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާއިލްއެވެ.
އޭގެ ފަހުން ހައްޔަރުކުރީ ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހްމާން (52އ) އާއި ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދު (54އ) އާއި ނޫރަލީގެ / ހދ. ވައިކަރަދޫ، އަހުމަދު ޝަހީމް (42އ) އާއި ޗާނދަނީގެ / ސ. ހިތަދޫ، ހުސައިން ސާމިހު (35އ) އަދި ހ. ރުމޭނިޔާ / މާލެ، އަހުމަދު ފިރުސާން (35އ) އެވެ. އޭގެ ތެރެއިން އާދަމް ވަހީދަކީ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަނެވެ.
އެ މައްސަލައިގައި ހައްޔަރުކުރި ދިހަ މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި، ދެން ހިމެނޭ އެންމެން ތިބީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.
މިމަހުގެ ކުރީކޮޅު ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ވަގަށް ނަގާފައިވަނީ، އެ ދެ ކޮންޓެއިނަރާ އެއްގޮތަށް ދެ ކޮންޓެއިނަރު ތައްޔާރުކުރުމަށްފަހު، އެމްޕީއެލް ޓާމިނަލްގައި ބަހައްޓާފައި ހުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ނެރެގެން ގެންގޮސް، އޭގެ ބަދަލުގައި އެއާ އެއްގޮތަށް ތައްޔާރު ކުރި ދެ ކޮންޓެއިނަރު ދޯންޏެއްގައި ޓާމިނަލަށް ގެންގޮސް އެމްޕީއެލް ޓާމިނަލްގައި ބެހެއްޓުމަށްފަހު ކަމަށެވެ. އަދި ކޮންޓެއިނަރުތައް ބަދަލުކޮށް ވައްކަން ކުރުމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރު ވެސް ބަދަލުކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.




ގުޅުންހުރި
64 އަހަރުގެ މީހަކަށް ޒުވާން ލޯބިވެރިޔާ ހަމަލާދީ ޒަހަމްކޮށްލައިފި
ވިލިމާލެ ޕޮލިހުން ސިނގިރޭޓު ކާޓޫންތައް ގެއްލުނު މައްސަލައިގައި ފުލުހަކު ހައްޔަރުކޮށްފި
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި
އޮޕަރޭޝަން އަލިމަގު: އައްޑޫން ހައްޔަރުކުރި މީހުންގެ އަދަދު 10 އަށް
މަރުވެފައި އޮއްވައި ފެނުނު ބިދޭސީ މީހާގެ ހަށިގަނޑު ފަޅާލައި 78 ބުލެޓުގެ
އިހުސާން، ޔާމީނަށް: ”ސިޓިންރޫމް ފްރަންޓް އޮފީސް“ގައި ފުލުހުންގެ ވާހަކަ ދެއްކޭކަށް ނޯންނާނެ!