ޑިސެމްބަރ 3, 2025

ލ. ގަމުގެ އިންޖީނު ގޭގައި ރޯވެ އަނދަނީ، މުޅި ރަށް ކަރަންޓަށް ޖެހިއްޖެ

ލ. ގަމުގައި ފެނަކަ ކޯޕަރޭޝަނުން ހިންގާ އިންޖީނު ގޭގައި ރޯވެ، އަނދަމުން އެބަދެ އެވެ.

ގަމުގެ އިންޖީނުގޭގައި ތިން އިންޖީނު ހުންނައިރު، މި އިންޖީނުގެއަކީ އެ ރަށުގެ ތިން އަވަށަށް ކަރަންޓު ދޭން ބޭނުންކުރާ ތަނެވެ. އަލިފާން ރޯވުމާއެކު މުޅި ރަށުން ކަރަންޓު ކެނޑިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ލ. ކައްދޫގައި ހުންނަ ސެންޓްރަލް ފަޔާ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޖީނުގެއަށް ބޭނުންވާ ތެޔޮ ޓޭންކުތައް ވެސް ހުންނަނީ އެ ގޯތި ތެރޭގަ އެވެ. އެ ޓޭންކުތަކުގައި ރޯވިކަމެއް އަދި ނޭނގެ އެވެ.