ޑިސެމްބަރ 5, 2025

ގްރޭޑް 9 އިން މަތީގެ ފިރިހެން ދަރިވަރުންނަށް ތުނބުޅި ބެހެއްޓޭގޮތް ހަދައިފި 

ގްރޭޑް 9 އިން މަތީގެ ފިރިހެން ދަރިވަރުންނަށް ތުނބުޅި ބެހެއްޓޭގޮތަށް އެޑިއުކޭޝަން މިނިސްޓްރީން އުސޫލު އިސްލާހުކޮށްފިއެވެ.

އާ އުސޫލުގައިވަނީ ކީ ސްޓޭޖް 4 އަދި 5 (ގްރޭޑް 9، 10، 11 އަދި 12) ގެ ފިރިހެން ދަރިވަރުންނަށް ތުނބުޅި، މަތިމަސް ބެހެއްޓޭނެއެވެ. ނަމަވެސް ތުނބުޅި، މަތިމަސް ބެހެއްޓޭނީ އެއްވަރަށް ކުރުކޮށް ކޮށައިފައެވެ.

އުސޫލުގައިވާގޮތުން ފިރިހެން ދަރިވަރުންގެ ބޮލުގެ އިސްތަށިގަނޑު ހުންނަންވާނީ ކުރިން ވެސް އަމަލުކުރަމުން އައި އުސޫލާ އެއްގޮތަށް، ކުރުކޮށް ކޮށާފައެވެ. އަދި ބޮލުގައި ކުލަޖައްސައި ހައިލައިޓުކުރުމުގެ އިތުރުން ގައިގައި ޓެޓޫ ޖެހުންވެސް މަނާވާނެއެވެ.

އިތުރު ބަދަލެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ކީ ސްޓޭޖް 2 ނުވަތަ ގްރޭޑު 4 އިން މަތީގެ އަންހެން ދަރިވަރުންގެ ޔުނީފޯމާ ގުޅޭގޮތުންނެވެ. އެ ދަރިވަރުންނަށް ވަނީ ހަރުވާޅު ލާޒިމުކޮށްފައެވެ.

ބުރުގާ ނާޅާ ދަރިވަރުން ސްކާޓާއެކު ހަރުވާޅު ލާން ޖެހެވެ އެ ކުދިންގެ ގަމީހުގެ އަތްކުރުކޮށް އަދި ދިގުކޮށް ބެހެއްޓޭނެ ކަމަށް ބުނެފައިވީ ނަމަވެސް، ބުރުގާ އަޅާ ދަރިވަރުންނަށް ސްކާޓްލުމާއި ނުލުމުގެ އިހުތިޔާރު ވަނީ ދީފައެވެ.

އެ އުސޫލަށް އަމަލުކުރަން އަންގާފައިވަނީ 2027 ވަނަ އަހަރުން ފެށިގެންނެވެ.