ޑިސެމްބަރ 7, 2025

އެންމެ މަގުބޫލް ފަތުރުވެރިކަމުގެ މަންޒިލްގެ އެވޯޑް ހަވަނަ ފަހަރަށް ރާއްޖެއަށް

ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް، ”ވޯލްޑް ލީޑިން ޓުއަރިޒަމް ޑެސްޓިނޭޝަން“ އެވޯޑް ހަވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެ އެވެ.

ބަހްރެއިންގައި ބޭއްވި މި އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ވޯލްޑް ލީޑިން ޓުއަރިޒަމް ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއިން ހާސިލުކޮށްފައިވާއިރު، 2020 ވަނަ އަހަރުން ފެށިގެން ރާއްޖެއިން އަންނަނީ ދުނިޔޭގެ މަގުބޫލް މަންޒިލްތަކާއި ވާދަކޮށް މި އެވޯޑް ހާސިލުކުރަމުންނެވެ.

އެގޮތުން މި އަހަރުގެ އެވޯޑް ރާއްޖެއިން ހާސިލުކޮށްފައިވަނީ 18 ގައުމަކާ ވާދަކޮށްގެންނެވެ. އޭގެ ތެރޭގައި ދުބާއީ، އިންޑޮނޭޝިއާ، ނިއު ޒީލެންޑް، ގްރީސް، ޓަންޒޭނިއާ އަދި ސައުތް އެފްރިކާ ފަދަ ގައުމުތައް ހިމެނެ އެވެ.

މީގެ އިތުރުން މި އަހަރުވެސް ރާއްޖެ އިން ވަނީ ތިމާވެއްޓާއި ރަށްޓެހި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މަންޒިލް ނުވަތަ ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަންގެ އެވޯޑްވެސް ހާސިލުކޮށްފަ އެވެ. މިއީ މި އެވޯޑް ރާއްޖެއިން ހާސިލުކުރި ދެވަނަ ފަހަރެވެ. މިދިޔަ އަހަރުވެސް ރާއްޖެއިން ވަނީ އެ އެވޯޑް ހާސިލުކޮށްފަ އެވެ.