ޖެނުއަރީ 9, 2026

އަހަރުގެ ފުރަތަމަ 6 ދުވަސް: 43،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ

މި އަހަރުގެ ފުރަތަމަ ހަ ދުވަސް ތެރޭގައި 43،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ ހަ ދުވަހު ރާއްޖެއަށް 43,481 ފަތުރުވެރިން އައިސްފައިވެ އެވެ. އެއީ މިިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި 37,928 ފަތުރުވެރިންނާ އަޅާބަލާއިރު 14.6 ޕަސެންޓުގެ ކުރިއެރުމެކެވެ.

އަހަރުގެ ފުރަތަމަ ހަ ދުވަހުގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޖަނަވަރީ 3 ވަނަ ދުވަހު އެވެ. އެ ދުވަހު އެކަނިވެސް 8،082 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ފުރަތަމަ 6 ދުވަހު ޒިޔާރާތްކުރި ފަތުރުވެރިން:

ޖަނަވަރީ 1: 5,929 ފަތުރުވެރިން
ޖަނަވަރީ 2: 7,655 ފަތުރުވެރިން
ޖަނަވަރީ 3: 8,082 ފަތުރުވެރިން
ޖަނަވަރީ 4: 7,930 ފަތުރުވެރިން
ޖަނަވަރީ 5: 6,136 ފަތުރުވެރިން
ޖަނަވަރީ 6: 7,749 ފަތުރުވެރިން

ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ ދުވަހު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. އެ ގައުމުން ރާއްޖެއަށް 9،137 ފަތުރުވެރިން އައިސްފައިވެ އެވެ. ދެން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިޓަލީންނާއި އިނގިރޭސި ވިލާތުންނެވެ. އިޓަލީން 7،047 ފަތުރުވެރިން އައި އިރު، އިނގިރޭސި ވިލާތުން 2,859 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.