ޖެނުއަރީ 13, 2026

ވޯޓު ގަނެގެން އިންތިހާބުވާން ވިސްނާ ކެންޑިޑޭޓުންނަކީ އަމިއްލަ މަސްލަހަތަށް އުޅޭ ބައެއް: އޭސީސީ

ވޯޓު ގަނެގެން މަގާމުތަކަށް އިންތިހާބުވާން ވިސްނާ ކެންޑިޑޭޓުންނަކީ، ރައްޔިތުންގެ ހަގީގީ ބާރުވެރިކަން ރައްޔިތުންގެ އަތުން ނިގުޅައިގަނެ، ހަމައެކަނި އެފަދަ ފަރާތްތަކުގެ އަމިއްލަ މަސްލަހަތަށް މަސައްކަތްކުރާ ބައެއް ކަަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް ކެނޑިޑޭޓުން ތާއީދު ހޯދުމަށް ހިންގަފާނެ ރިޝްވަތުގެ އަމަލުތަކަށް ސަމާލުވުމަށް އެދި އޭސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ، ކައުންސިލް އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން ތާއީދު ހޯދުމަށްޓަކައި އިންތިހާބުގައި ވާދަކުރާ ފަރާތްތަކާއި ވޯޓުލާ މީހުންގެ މެދުގައި ހިންގާ ރިޝްވަތުގެ އަމަލުތައް ނުހިންގަން އެދިފަ އެވެ.

އަދި އާންމު އިންތިހާބުތަކުގައި ހިފަހައްޓަންޖެހޭ ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް ހުރިހާ ފަރާތްތަކުން ހުރުމަތްތެރިކޮށް ހިތުމަށް ހާއްސަ ސަމާލުކަން ދޭންޖެހޭ ކަމަށްވެސް ބުންޏެވެ.

އޭސީސީން ބުނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގައި އެކަމުގެ ހަގީގީ ބާރުވެރިކަމާއި، މަންފާ ރައްޔިތުންނަށް ލިބިގެންދާނީ ރައްޔިތުން ނިންމާ ނިންމުމެއްގެ މައްޗަށް ކަމަށެވެ. ނަމަވެސް ރާއްޖޭގައި ބާއްވާ އާންމު އިންތިހާބުތަކުގައި، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށާއި، ވޯޓު ދިނުމުގެ ހައްގު އަދާކުރުމުގައި ރިޝްވަތުގެ މުއާމަލާތްތައް ހިނގާކަން ފާހަގަކުރެވޭ ކަމަށް ބުންޏެވެ.

”މިފަދަ މައްސަލަތައް އިތުރުވަމުން ދިއުމަކީ ދައުލަތުގެ މުވައްސަސާތަކާއި އިދާރާތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިގެންދާ ކަމެއް. އެހެންކަމުން އިންތިހާބާ ގުޅޭ ނިންމުންތައް ނިންމުމުގައި ރައްޔިތުން ނަޒާހަތްތެރިކަން އިސްކުރުމަކީ ވަރަށް މުހިންމުކަމެއް. މިއީ އަޅުގަނޑުމެންގެ ދަރީންނާއި ޒުވާން ޖީލަށް އަދި ޖުމްލަގޮތެއްގައި މުޅި މުޖުތަމައަށް ނުހަނު ގެއްލުން ބޮޑު ކަމެއް“ އޭސީސީން ބުންޏެވެ.