ފައިސަލް, ސަރުކާރަށް: ރައްޔިތުންގެ ފައިސާ އިސްރާފުކުރުން ހުއްޓާލައި, ތަޖުރިބާކާރުންގެ ލަފާ އަޑުއަހާ!

ރައްޔިތުންގެ ފައިސާ އިސްރާފުކުރުން ހުއްޓާލައި, މާލީ ދާއިރާގެ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދުތަކަށް ސަރުކާރުން ތަބާވާންޖެހޭ ކަމަށް ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފި އެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ މާލީ ދާއިރާގެ ތަޖުރިބާކާރުންގެ އިރުޝާދަށް ސަރުކާރުން އަމަލުނުކުރުމުގެ ނަތީޖާއަކީ ރާއްޖޭގެ މާލީ ހާލަތު އިތުރަށް ގޯސްވެ، މަގާމުތަކުގައި ތިއްބެވި ގާބިލް ބޭފުޅުންނަށް މަގާމުން ވަކިވެވަޑައިގަތުމަށް މަޖުބޫރުވުން ކަމަށެވެ.

އަދި ޑޮލަރުގެ އަގު މައްޗަށް ދިއުމާއި ތަކެތީގެ އަގު އުފުލި އިންފްލޭޝަން މަތިވުމުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުން ބިކަވަމުންދާ ކަމަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވެ، ބޮޑެތި ވިޔަފާރިތަކަށް ވެސް ގޮތްހުސްވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

”ފެންނަމުން މިދަނީ ބަނަ ބޯވިލާގަނޑެއް ބޯމަތިވަމުން އަންނަ މަންޒަރު. ސަރުކާރުން ރައްޔިތުންގެ ފައިސާ އިސްރާފުކުރުން ހުއްޓާލައި، އުފެއްދުންތެރިކަން އިތުރުކުރުމަށް އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް އެހީތެރިކަންދީ، މާލީ ދާއިރާގެ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދުތަކަށް ތަބާވާންޖެހޭ،“ ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ, ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ހަލަބޮލިކަމުގެ ތެރެއިން ރާއްޖޭގެ އިގުތިސާދު ނުރައްކާތެރި ހިސާބަކަށް ދިއުމުގެ ކުރިން، މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އަދި މިކަމުން އަރައިގަތުމަށް ސަރުކާރުން ވީހާވެސް އަވަހަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

ނައިބް ރައީސް ފައިސަލް މިހެން ވިދާޅުވި އިރު, ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންކަމުން ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. އަހުމަދު އިނާޒް އިސްތިއުފާ ދެއްވައިފަ އެވެ.