އެމްޑީޕީއަކީ މިހާރު މުސްކުޅި ޕާޓީއެއް، އެ ޕާޓީން ވިއްކާ ސިޔާސަތުތަކެއް މިހާރު ނުވިކޭނެ: ފަލާހު

ސިޔާސަތުތަކަށް ބަލާނަމަ އެމްޑީޕީއަކީ މިހާރު މުސްކުޅިވެފައި އޮތް ޕާޓީއެއް ކަމަށް ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ޕާޓީ ކުޅުދުއްފުށީ ސިޓީގެ ކެމްޕެއިން ލޯންޗް ކުރަން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ ސިޔާސީ ޕާޓީތަކަށް މިފަހަރު ފައިސާ ދިންއިރު ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބުނީ އެމްޑީޕީއަށް ކަމަށާއި ނަމަވެސް ކައުންސިލް އިންތިހާބުގައި ވާދަކުރި އެ ޕާޓީގެ މެމްބަރުން ހަރަދުކުރަންޖެހުނީ އެ މެމްބަރުންގެ އަމިއްލަ ޖީބުން ކަމަށެވެ.

އޭގެ ބަދަލުގައި ޕީއެންސީ ތަފާތުވާނޭ ކަމަށާއި ޕާޓީއަށް ލިބޭ ފައިސާ ހަރަދުކުރަމުންދަނީ އާންމު މެމްބަރުންގެ ހައްގުގައި ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.

”ޒުވާން ލީޑަރެއް ނެތް. ޒުވާން ސިޔާސަތެއް ނެތް. މުޅީން 2008 ގައި ވިއްކަން އުޅުނު ސިޔާސަތުތައް އަދިވެސް ވިއްކަން އެ އުޅެނީ އެ ނުވިކޭ މިހާރަކު. އެ ނުހިނގާ މިހާރަކު. އެމްޑީޕީން ޒުވާނުންނަށް ފުރުސަތު ދޭންޖެހޭ އެބަ،“ ފަލާހު ވިދާޅުވި އެވެ.