ސަރުކާރަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ސީދާ ވާދަވެރިވުމަކީ ބާޒާރުގެ ވާދަވެރިކަމުގެ ހަމަ ނައްތާލައި އިގުތިސާދީ ހަމަތައް ފުނޑުފުނޑުކޮށްލާ ކަމެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ގުދަންތަކަށް އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް ދަތިކަމެއް ނެތި ފޯރުކޮށްދިނުމަށް ކަމަށް ބުނެ، މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްގެ ނަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ކުންފުންޏެއް ތައާރަފު ކުރުމާއި ގުޅިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ސަރުކާރުން ލޮޖިސްޓިކްސް ކުންފުންޏެއް އުފައްދައިގެން މަސައްކަތް ކުރަން ނިންމުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި އެފަދަ ނިންމުމަކީ މިނިވަން ވިޔަފާރީގެ އުސޫލުތަކާ މުޅިން ހިލާފު، ދުނިޔޭގެ އެއްވެސް ގައުމެއްގައި ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.
އަދި ސަރުކާރުގެ ދައުރަކީ ވިޔަފާރިއާ ވާދަކުރުން ނޫން ކަމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހިތްވަރުދީ، އެފަދަ ވިޔަފާރިތައް ކުރިއެރުވޭނެ މަގު ފަހިކޮށްދިނުން ކަމަށްވެސް ވިދާޅުވި އެވެ.
”(ސަރުކާރުގެ ލޮޖިސްޓިކް ކުންފުނީގެ) ސަބަބުން ލޮޖިސްޓިކްސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި ގެއްލުންތައް ވާނެ. އެ މަސައްކަތުން އާމްދަނީ ހޯދައިގެން ދިރިއުޅެމުންދާ އެތައް އާއިލާތަކަށް މާލީ ގޮތުން އެތައް ތަކުލީފެއް އުފުލަން ޖެހޭނެ. ދިވެހި އެތައް އާއިލާއެއްގެ އާމްދަނީ ހުއްޓި، ރައްޔިތުންގެ ދިރިއުޅުން އިތުރަށް ނިކަމެތިވެގެންދާނެ،“ ޝާހިދު ވިދާޅުވި އެވެ.
މީގެ އިތުރުން، މިކަމުގެ ނޭދެވޭ އަސަރު މުޅި އިގްތިސާދަށް ކުރާނެ އިތުރު ގޮތްތައް ވެސް ޝާހިދު ވަނީ ތަފުސީލުކޮށްދެއްވައިފަ އެވެ. އެގޮތުން:
- އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް މަދުވުން.
- ވަޒީފާގެ ފުރުސަތުތައް ގެއްލިގެން ދިއުން.
- ގައުމުގެ އިގްތިޞާދީ ދުވެލި މަޑުޖެހުން.
- ވިޔަފާރީގެ ދާއިރާގައި އޮންނަ އިތުބާރު ގެއްލުން.
އެހެންކަމުން ރައްޔިތުންނަށް ކުރިމަތިވެދާނެ ގެއްލުންތަކުން ސަލާމަތްކުރުމަށާއި އިގްތިޞާދީ ހަމަތައް ނެގެހެއްޓުމަށް ޓަކައި، ސަރުކާރުން ވިޔަފާރި އުސޫލުން ހިންގާ ލޮޖިސްޓިކްސް ކުންފުނި އުފެއްދުމުގެ ނިންމުން ބަދަލުކުރުމަށް ޝާހިދު ވަނީ ސަރުކާރަށް ގޮވައިލައްވައިފަ އެވެ.




ގުޅުންހުރި
އެމްޑީޕީއަކީ މިހާރު މުސްކުޅި ޕާޓީއެއް، އެ ޕާޓީން ވިއްކާ ސިޔާސަތުތަކެއް މިހާރު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ޕާކިސްތާނުގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައި 30 އަށްވުރެ ގިނަ މީހުން މަރާލައިފި
ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް، ސަވާބު ލިބިލިބި ހުންނާނެ ކަމެއް: ހުތުބާ
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ސްކޭމްގެ މައްސަލައެއްގައި ހައްޔަރުކޮށްފި
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި