މައުލޫމާތުދޭން ހާޒިރުނުވުމުން އިސްލާމިކް މިނިސްޓްރީއަށް 700 ރުފިޔާގެ ޖޫރިމަނާއެއް

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ބޭއްވި މައުލޫމާތުދިނުމާ ބެހޭ ބައްދަލުވުމަކަށް ހާޒިރުނުވުމުން އިސްލާމިކް މިނިސްޓްރީ ޖޫރިމަނާކޮށްފިއެވެ.

މައުލޫމާތު ހޯދުމަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ބޭއްވި އެ ބައްދަލުވުމަށް ހާޒިރުނުވެގެން އައިކޮމް އިން އިސްލާމިކް މިނިސްޓްރީ ޖޫރިމަނާކުރީ 700 ރުފިޔާ އިންނެވެ.

އެކަމާ ގުޅޭގޮތުން އައިކޮމްއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މައުލޫމާތު ހޯދުމަށް ހުށަހެޅި ދެ ހުށަހެޅުމަކަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ނުދީގެން ދެ ޝަކުވާއެއް އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ޝަކުވާތައް ބަލަން މިދިޔަ އަންގާރަ ދުވަހު ބައްދަލުވުމެއް ތާވަލުކުރުމުން އެ އަޑުއެހުން ފަސްކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން އެދުމުން އެ ބައްދަލުވުން އިއްޔެއަށް ތާވަލުކުރި ކަމަށް ވެސް ބުންޏެވެ.

އެ ބައްދަލުވުމަށް ވެސް ހާޒިރުވެވެން ނެތް ކަމަށް މިނިސްޓްރީން ބުނުމުން މިއަދަށް އެ ބައްދަލުވުން ތާވަލުކުރި ނަމަވެސް ސަބަބެއް ނާންގައި މިއަދަށް ތާވަލުކުރި ބައްދަލުވުމަށް ވެސް އިސްލާމިކް މިނިސްޓްރީން ހާޒިރުވެފައެއް ނުވާ ކަމަށާއި އެހެންކަމުން ބައްދަލުވުން ކެންސަލްކުރަން ޖެހުނު ކަމަށް އައިކޮމްއިން ބުންޏެވެ.

އައިކޮމްއިން ބުނީ އެއީ އިންފޮމޭޝަން ކޮމިޝަނަރުގެ ގާނޫނީ ވާޖިބު އަދާކުރަން އެޅުނު ހުރަހެއް ކަމަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދު ބުނާގޮތުން، އައިކޮމްއިން ބާއްވާ ބައްދަލުވުމަށް މަގުބޫލު ސަބަބަކާ ހުރެ ހާޒިރުވެވެން ނެތް ނަމަ، އެ ބައްދަލުވުން ފެށުމުގެ އެއް ގަޑިއިރު ކުރިން އަންގަން ޖެހެއެވެ.

އިސްލާމިކް މިނިސްޓްރީ ޖޫރިމަނާކުރީ އެ ގަވާއިދާ ހިލާފުވެފައިވާތީ ކަމަށް އައިކޮމްއިން ބުންޏެވެ.