ރޯދަމަހަކީ، ކަންނެތްކަން އިހުތިޔާރުކޮށް، މަސައްކަތްތައް ހުއްޓައިލައި ޗުއްޓީނެގުމާއި ނިދުމުގެ މައްސަރެއް ނޫން ކަމަށާއި އެއީ އަޅުކަމުގައި ހީވާގިވެ ކުރިއަރައިދާންވީ މައްސަރު ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”ނަސްރާއި ކާމިޔާބުގެ މައްސަރު“ މި މައުޟޫއުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ރޯދަމަހަކީ ހަމައެކަނި ކެއުމާއި ބުއިމުން ދުރުހެލިވުމުގެ މަހެއް ނޫން ކަމަށާއި މިއީ ޖިހާދުގެވެސް މައްސަރު ކަމަށެވެ. އެގޮތުން މި މައްސަރުގައި ހިފާ ރޯދައިގެ ސަބަބުން އޭނާގެ ހަވާނަފުސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ، ނަފުސު ތަހުޒީބުކުރުމަށް ބާރުއަޅާ ކަމަށާއި މި މަތިވެރި ޖިހާދުގައި ލިބޭ ކާމީޔާބީއަކީ މުޅި އަހަރުދުވަހު الله سُبْحَانَهُ وَتَعَالَى ހަރާމްކުރައްވައިފައިވާ އަމަލުތަކުން ދުރުހެލިވުމަށް ލިބޭ ނުހަނު މަތިވެރި ތަމްރީނެއް ކަމަށްވެސް ބުންޏެވެ.
ރޯދަމަހަކީ އިސްލާމްދީނުގެ އަދުއްވުންނާ ދެކޮޅަށް މުސްލިމުން އެންމެ ބޮޑެތި ނަސްރާއި ކާމިޔާބީތައް ހާސިލުކުރި މައްސަރުކަން ފާހަގަކޮށް ހުތުބާގައި ބުނީ, އިސްލާމީ ތާރީހު ބަދަލުކޮށްލި މަޝްހޫރު ބަދުރުހަނގުރާމަ ކުރެވުނީ ހިޖުރައިން ދެވަނަ އަހަރު ރޯދަމަހު ސަތާރަވަނަ ދުވަހު ކަމަށެވެ. އެ ހަނގުރާމައިގައި ހާހަކަށް ވުރެ ގިނަ ކާފިރުންގެ ވަރުގަދަ ލަޝްކަރު މުސްލިމުންގެ ތިންސަތޭކައެއް ހައި މީހުންގެ ލަޝްކަރުގެ އަތްދަށުވެ ބަލިވުމަކީ ތާރީހީ ގޮތުން މުސްލިމުންނަށް ލިބުނު އެންމެ ވަރުގަދަ ކާމިޔާބީ ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ, އެކަމުން އެނގެނީ ނަސްރު ލިބޭނީ ހަމައެކަނި ބާރުގެ ގޮތުން ނޫން ކަމާއި الله سُبْحَانَهُ وَتَعَالَىއަށް އޮންނަ އިތުބާރާއި އީމާންކަމުގެ ވަރުގަދަކަމުންނާއި އެކަލާނގެ ރަހުމަތުގެ ސަބަބުން ކަމަށެވެ. އަދި މުސްލިމުންނަށް ލިބުނު އެންމެ ބޮޑު އެއް ފަތަހަކަމުގައިވާ މައްކާ ފަތަހަކުރެވުނީ ހިޖުރައިން އަށްވަނަ އަހަރުގެ ބަރަކާތްތެރި ރޯދަމަހުގެ ވިހިވަނަ ދުވަހު ކަމަށާއި އެ ހާދިސާ އިން ހަގީގީ ކާމިޔާބަކީ ބާރުލިބޭ ހިނދު، އަނިޔާވެރިވުން ނޫންކަމާއި ރޯދައިގެ ރޫހާނީ ތަރުބިޔަތުން އޭނާގެ ނަފުސު ތަހުޒީބުކުރުމުންކަން އެނގޭ ކަމަށް ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ, ރޯދަމަހުގެ ކާމިޔާބީ ހޯދާން ބޭނުން މީހާ ލައިލަތުލްގަދުރި ހޯދާން ގަދައަޅައި މަސައްކަތް ކުރަންޖެހޭ ކަމަށާއި އެ ރޭގެ ހެޔޮކަމުން މަޙުރޫމުވެއްޖެ މީހާ، ހުރިހައި ހެޔޮކަމަކުން މަޙުރޫމުވެއްޖެ ކަމަށެވެ. އަދި ރޯދަމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުމެއްގެ އިތުރުން މުސްލިމު މުޖުތަމައުތަކުގައި ރޯދަމަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓާން ޖެހޭނެ ކަމަށް ބުންޏެވެ.
އޭގެ އިތުރުން އަހަރެމެންނާއެކު ދިރިއުޅެމުންދާ އެހެން ދީންތަކުގެ މީހުންނާއި ބިދޭސީންނަށް އިހުސާންތެރިވާންޖެހޭ ކަމަށްވެސް ބުންޏެވެ. އަދި ރޯދައަށް ހުންނަ ހިނދު، އަހަރެމެންނަށް ކުރެވޭ ކުށްތަކުންނާއި ދެކެވޭ ބޭކާރު ވާހަކަތަކުގެ ކައްފާރާއެއްގެ ގޮތުގައި ރޯދައިގެ އަޅުކަން ފުރިހަމަކުރުމަށާއި ޢީދުގެ އުފަލުގައި ފަޤީރުންނާއި ޔަތީމުން ވެސް ބައިވެރިވާ ބަޔަކަށް ހެދުމަށް ޓަކައި ލައްވައިފައިވަނީ ފިތުރު ޒަކާތް ދެއްކުމަށް ހުތުބާގައި އިލްތިމާސްކުރި އެވެ.




ގުޅުންހުރި
އެސްޓީއޯ އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި
އުފާވެރިކަން އައިސް އަތުގައި ހިފީއެވެ
ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި
ސައުދީ ރަސްގެފާނުގެ ފަރާތުން ދޭ ރޯދަވީއްލުމުގެ ޕްރޮގްރާމް ރާއްޖޭގައި ފަށައިފި
ތި ހެދީ ދޮގެއް – އަދިވެސް ދޮގުހަދާނަން؟
ތައުބާވުމަކީ ތަގުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނެ ކަމެއް: ހުތުބާ