ޗާގޯސްގެ މިލްކުވެރިކަން ހޯދަން ދިވެހި ރާއްޖެއިން މަސައްކަތް ފެށުމުން ރާއްޖެއާއެކު އޮތް ހާރިޖީ ގުޅުންތައް ސަސްޕެންޑު ކުރުމަށް މޮރިޝަސް ސަރުކާރުން ނިންމައިފިއެވެ.
މޮރިޝަސްގެ ބޮޑުވަޒީރުގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ގައުމުގެ ކެބިނެޓުން އެގޮތަށް ނިންމަން ޖެހުނީ ޗާގޯސް ޖަޒީރާގެ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ރާއްޖެއިން މިހާރު ގަބޫލުނުކުރާތީ ކަމަށެވެ.
އޭގެ އިތުރުން ޗާގޯސްގެ މައްސަލައިގައި އިނގިރޭސި ސަރުކާރާއެކު އެކުލަވާލަން މަސައްކަތްކުރާ އެއްބަސްވުމަށް ރާއްޖެއިން ދެކޮޅު ހަދާ ކަމަށްވެސް މޮރިޝަސް ސަރުކާރުން ބުންޏެވެ.
މޮރިޝަސް ސަރުކާރުން މިއަދު އެގޮތަށް ނިންމާފައި މިވަނީ، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިއުތިރާޒުކޮށް، އެކަމާ ދެކޮޅަށް ދިވެހި ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދަނިކޮށެވެ.
ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި ދިވެހި ސަރުކާރުން ވަނީ އިނގިރޭސިވިލާތުގެ ސަރުކާރާއެކު މަޝްވަރާކުރަން ވެސް ރަސްމީކޮށް އެދިފައެވެ.
އެ މަސައްކަތުގެ ތަފްސީލުދެއްވަމުން ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި ޗާގޯސް މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ދިވެހި ދައުލަތުން ދެކޮޅު ހަދާކަން ބަޔާންކޮށް، 8 ނޮވެމްބަރު 2024 އަދި 18 ޖެނުއަރީ 2026 ގައި އިނގިރޭސި ސަރުކާރަށް ވަނީ ލިޔުމުން ހުށަހަޅައިފައެވެ.
އޭގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ރަސްމީކޮށް އަނބުރާ ގެނެސްފައިވާ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދަކީ ކުރިން ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ގާނޫނުގައި ކަނޑައަޅާފައިވާ ސަރަހައްދު ކަމަށް ދިވެހި ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ.




ގުޅުންހުރި
ޗާގޯސް ލިބުން އެންމެ ހައްގުވަނީ ރާއްޖެއަށް: ރައީސް