ސަރުކާރުގެ އެންމެއިސް އަމާޒަކީ ކާބޯ ތަކެއްޗާއި، އަސާސީ ބާވަތްތަކުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުން

މެދުއިރުމަތީގައި ހިނގަމުންދާ އަދި ހަލުވިކަމާއެކު ބަދަލުވަމުންދާ ހަމަނުޖެހުމާއި ގުޅިގެން ރާއްޖެ އަށް ކޮށްފާނެ އަސަރުތައް ގާތުން މޮނިޓަ ކުރަމުން އަންނަ ކަމަށާއި. އެންމެ އިސްކަމެއް އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި، އަސާސީ ބާވަތްތައް މެދުކެނޑުމެއްނެތި ލިބޭނެކަން ކަށަވަރު ކުރުން ކަމުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން މިހެން ވިދާޅުވެފައިވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކޮށްފާނެ އަސަރުތަށް ކުޑަކުރުމާއި ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ވިސްނުން ހާމަކުރަމުން ނެރުނު ބަޔާނެއްގައެވެ.

އިކޮނޮމިކް މިނިސްޓްރީން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ އަދި ހަލުވިކަމާއެކު ބަދަލުވަމުންދާ ހަމަނުޖެހުމާއި ގުޅިގެން ރާއްޖެއަށް ކޮށްފާނެ އަސަރުތައް ސަރުކާރުގެ ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކާއެކުވަރަށް ގާތުން މޮނިޓަރކޮށް ބަލަމުންދާ ކަމަށެވެ.

މިނިސްޓްރީން ވިދާޅުވި ގޮތުގައި ބައިނަލްއަޤުވާމީ މުދާ އުފުލުމުގެ ނިޒާމަށް އަތުވެދާނެ ލޮޅުންތައް ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކާ ގުޅިގެން ވަރަށް ގާތުން ދިރާސާކުރަމުންދާ ކަމަށެވެ. އަދި ރާއްޖެއަށް އާންމުކޮށް މުދާ އެތެރެކުރާ މާކެޓުތަކާއި ރޫޓްތަކަށް ދިމާވެދާނެ، ދަތިތައް ދެނެގަނެ އެކަންކަމުން އަރައިގަތުމަށްޓަކައި، ބޭނުންވާނެ އެހެނިހެން އަލްޓަރނޭޓިވް މާކެޓުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި ދަނޑިވަޅުގައި ސަރުކާރުގެ އެންމެ އިސް އަމާޒަކީ، ދިވެހި އެންމެހައި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި، އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުން ކަމަށާއި، ރާއްޖެއަށް ބޭނުންވާ މުހިންމު ބާވަތްތަކުގެ ސްޓޮކް ހުސްނުވެ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، އިމްޕޯޓް ކުރުމުގައި ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ސަރުކާރުގެ މުވައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކާއި ގުޅިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށްވެސް އެ ވުޒާރާއިން ދެންމެ ނެރުނު ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.