ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމުން ރައްޔިތުން ކުރާ ހޭދަ ކުޑަވާނެ ކަމަށާއި ރައްޔިތުންގެ ބައިވެރިވުން ވެސް އިތުރުވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ މީގެ ކުރިން އިންތިހާބުތައް އެއްކޮށްލުމަށް ތާއީދުކުރައްވައި، ވެރިކަން ކުރެއްވި ބޭފުޅުން ވާހަކަދައްކަވާފައިވާ ކަމަށެވެ.
އެގޮތުން 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖޭގެ ރަށަކަށް ކުރެއްވި ދަތުރުފުޅެއްގައި އޭރުގެ ރައީސް ސޯލިހު ވަނީ ތިން އިންތިހާބު އެއްކޮށްލުން މުހިންމު ކަމަށް ވިދާޅުވެ ވާހަކަފުޅުދައްކަވާފައި ކަމަށާއި އަދި އިންތިހާބުތައް ގިނަވުމުން އެކަމުގައި ޝާމިލުވުން އިތުރުކުރަން އުޅެންޖެހޭތީ ސަރުކާރުން ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދަތިތައް ކުރިމަތިވާ ކަމަށް ރައީސް ސޯލިހު ފާހަގަކުރެއްވި ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މީގެ ކުރިން ކައުންސިލު އިންތިހާބުތައް ކޮންމެ ތިން އަހަރަކުން ބާއްވާ ގޮތަށް އޮތް ނަމަވެސް، ފަސް އަހަރުން ބާއްވާ ގޮތަށް އޭރު ބަދަލުކޮށްފައިވަނީ އިންތިހާބުތައް މަދުކުރުމުގެ ނިޔަތުގައި ކަމަށާއި އެކަމުގެ ސަބަބުން ދައުލަތުގެ ހަރަދުތައް ވެސް ކުޑަވެފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ޝިޔާމް އިތުރަށް ވިދާޅުވީ އިންތިިހާބުތައް ވަކިން ބޭއްވުމުން ރައްޔިތުން ކުރަންޖެހޭ ހޭދަތައް ބޮޑުކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތުން 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ކޮންމެ ކެންޑިޑޭޓަކު ތިން މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން މައުލޫމާތުތަކުން ފާހަގަވާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބަކީ އެންމެ ގިނަ މީހުން ވޯޓުލާ އިންތިހާބަށްވުމާއެކު، އެ އިންތިހާބާއެކު މަޖިލިސް އިންތިހާބު ބޭއްވުމުން ރައްޔިތުންގެ ބައިވެރިވުން ވެސް އިތުރުވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.




ގުޅުންހުރި
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ވިހާފައި މަގުމައްޗަށް ދޫކޮށްލި ނިޒާމެއް: ޝިޔާމް
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ދެ އިންތިހާބު އެއްކޮށްލާ ވޯޓު ހުއްޓުމަށް އެމްޑީޕީން ކޯޓަށް
ވާދަވެރިން ވެސް ގުޅެންވީ ޕީއެންސީއާ، ކާމިޔާބު ހޯދާނެ ފަޅިއަކީ މިއީ: ޝަހީމް