އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާނަށް ދެމުންގެންދާ ހަމަލާތަކާއި އޭގެ ބަދަލުގައި އީރާނުން ފޮނުވާލި މިސައިލް ހަމަލާތަކުގެ ސަބަބުން، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި ކުރިމަތިނުވާ ފަދަ ބޮޑު ނުތަނަވަސްކަމެއް ވަނީ ކުރިމަތިވެފަ އެވެ. ދުނިޔޭގެ އެންމެ މުހިންމު ތެޔޮ އުފައްދާ ސަރަހައްދުން ތެޔޮ އެކްސްޕޯޓް ކުރުމަށް މިކަމުގެ ސަބަބުން ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
މެދުއިރުމަތީގެ މި ހަމަނުޖެހުންތަކުގެ އަސަރު ހަކަތައިގެ ބާޒާރަށް ކުރާނެ މިންވަރު ބިނާވެފައިވަނީ ހަނގުރާމަ ދެމިގެންދާ މުއްދަތެއްގެ މައްޗަށެވެ. ނަމަވެސް، މިހާރުވެސް އުފެދިފައިވާ ބިރުވެރިކަމާއި ނުތަނަވަސްކަމުގެ ސަބަބުން، ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ ހިއްސާކުރާ މި ސަރަހައްދުގެ ތެލުގެ ވިޔަފާރިއަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރަން ފަށައިފަ އެވެ.
އެހެންކަމުން މި މައްސަލައަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ، އަންނަ ހަފުތާ ފަށާއިރު ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިގެންދާނެ ކަމަށް ބެލެވެ އެވެ. މެދުއިރުމަތީގައި މިހާރު ކުރިއަށްދާ އަސްކަރީ ކުރިމަތިލުންތައް އިތުރަށް ފުޅާވެ ދިގުދެމިގެން ހިނގައިދާނެ ކަމަށް އިންވެސްޓަރުން ތައްޔާރުވަމުންދާއިރު، ފާއިތުވި ދެތިން ދުވަހު އެކަނިވެސް ބްރެންޓް ކްރޫޑް ތެލުގެ އަގު ވަނީ ފީފާއެއް ގާތްގަނޑަކަށް 70 ޑޮލަރަށް އުފުލިފަ އެވެ. މިއީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހަށްފަހު ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
އެމެރިކާއާއި އިޒްރޭލުން ހޮނިހިރު ދުވަހު އީރާނުގެ އިސްވެރިންނަށް އަމާޒުކޮށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދީފައިވާއިރު، މިކަމުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ވަނީ އިތުރަށް ގޯސްވެ، ފުޅާ ދާއިރާއެއްގެ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި، މި ހަމަލާތަކުގެ ސަބަބުން އެމެރިކާއަށް އޮތް ސަލާމަތީ ނުރައްކާތައް ނެތިގެންދާނެ އެވެ. އަދި މިއީ އީރާނުގެ ރައްޔިތުންނަށް އެ ގައުމުގެ ވެރިކަން ބަދަލުކުރުމަށް ލިބޭ ފުރުސަތެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

އީރާނުން ދިން ބަދަލުހިފުމުގެ ހަމަލާތަކާ ގުޅިގެން، ތެލާއި ގޭހުގެ އުމްރާނީ ވަސީލަތްތަކަށް ތަފާތު ގެއްލުންތަށް ލިބިފައިވާއިރު ތެޔޮ ބޭރުކުރާ އެންމެ ބޮޑު ދެ ގައުމު ކަމަށްވާ ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އާއި ކުވައިތަށްވެސް މިހަގުރާމައިގެނުރައްކާ ފޯރުމުގެ ސަބަބުން ތެޔޮ އުފެއްދުން މިވަގުތު ވަނީ މަޑުޖެހިފައެވެ. މީގެ އިތުރުން، ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ލިކުއިފައިޑް ނެޗުރަލް ގޭސް (އެލް.އެން.ޖީ) އެކްސްޕޯޓްކުރާ ގައުމު ކަމަށްވާ ގަތަރަށް އަމާޒުކޮށް ފޮނުވާލި މިސައިލް ހަމަލާތަކާއި ގުޅިގެން އެ ގައުމުގެ ދިފާއީ ނިޒާމު އެއްކޮށްކަހަލަގޮތަކަށްވަނީ ހުއްޓުމުކަށް އައިސްފައެވެ.
ހަމައެއާއިއެކު ބަހްރޭނާއި އީރާނުގެ ޚާރްޖް އައިލެންޑަށްވެސް ހަގުރާމައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ޚާރްޖް އައިލެންޑަކީ އީރާނުން ބޭރުކުރާ ސާފުނުކުރާ ތެލުގެ ގާތްގަނޑަކަށް 90 އިންސައްތަ ފޮނުވާ މައި މަރުކަޒެވެ. ނަމަވެސް، ފާއިތުވި ދުވަސްތަކުގައި އެތަނުގައި ރައްކާކޮށްފައި ހުރި ގިނަ އަދަދެއްގެ ތެޔޮ، ތެޔޮ އުފުލާ ބޯޓުފަހަރަށް އީރާނުން ބަދަލުކޮށްފައިވާ ކަމަށް ކަނޑުދަތުރުފަތުރުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މި ހުރިހާ ކަމެއްގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ މުހިންމު ކަމަކީ، އީރާނާއި އޮމާންއާ ދެމެދު އޮންނަ ހޯރްމޫޒް ކަނޑުއޮޅިން ކުރާ ދަތުރުފަތުރުތަށް ހުއްޓުމަކަށްގެނެސްފައިވުމެވެ. މި ކަނޑުއޮޅިއަކީ ދުވާލަކު ގާތްގަނޑަކަށް 20 މިލިއަން ފީފާގެ ސާފުނުކުރާ ތެލާއި ތެލުގެ އުފެއްދުންތައް އުފުލާ، ބައިނަލްއަގުވާމީ ހަކަތައިގެ ބާޒާރަށް ނުހަނު ނާޒުކު އަދި މުހިންމު މަގެކެވެ.
ހުރުމުޒް ކަނޑުއޮޅީގެ އުތުރުން ގަލްފުގެ ތެރޭގައި ތެޔޮ އުފުލާ ބޯޓުފަހަރު ތާށިވެދާނެ ކަމުގެ ބިރާއި، ނުވަތަ އެފަދަ އުޅަނދުތަކަށް ހަމަލާދީފާނެ ކަމުގެ ނުރައްކާ އޮތުމުން، ތެޔޮ އުފައްދާ ފަރާތްތަކާއި ވިޔަފާރިވެރިން އަދި މުދާ އުފުލާ ފަރާތްތަކުން ސާފުނުކުރާ ތެލާއި އެލް.އެން.ޖީ (LNG) އުފުލުމުގައި އަލުން ވިސްނަން ވަނީ މަޖުބޫރުވެފައެވެ. ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތެޔޮ އުފައްދާ ބޮޑެތި ބައެއް ކުންފުނިތަކާއި ވިޔަފާރި ކުރާ ފަރާތްތަކުން މިހާރު ވަނީ އެ ކަނޑުއޮޅި މެދުވެރިކޮށް މުދާ ފޮނުވުން ދުވަސްތަކަކަށް މެދުކަނޑާލާފައެވެ.
ހަގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި، ތަކެތީގެ އަގު އިންތިހާއަށް އުފުލޭނެކަމަށް ތަޖްރިބާކާރުން ބުނެފައިވަނިކޮށް މުދާ އުފުލާ ބޯޓުފަހަރުގެ ކުލި (Freight rates) މިހާރުވަނީ އުފުލެން ފަށާފައެވެ. އަދި މި އަދަދުތައް ކުރިއަށް އޮތް ތަނުގައި އިތުރަށް މައްޗަށް ދާނެ ކަމަށް ލަފާކުރެވެއެވެ. މެދުއިރުމަތިން ޗައިނާއަށް ސާފުނުކުރާ ތެޔޮ އުފުލާ ބޮޑެތި ބޯޓުފަހަރުގެ ކުލި، މި އަހަރު ފެށުނީއްސުރެ ތިން ގުނައަށް ވުރެ ބޮޑަށް ވަނީ އުފުލިފައެވެ. މިއީ ނުރައްކާ ބޮޑުވުމުގެ އިތުރުން، އެ ސަރަހައްދުން ދަތުރުކުރަން ބޭނުންވާ ބޯޓުފަހަރުގެ އަދަދު މަދުވުމުގެ ނަތީޖާއެކެވެ.
މިހާރު އުފެދޭ އެންމެ ބޮޑު ސުވާލަކީ، ހަގުރާމަ ދިގުލައިގެން ހިގައްޖެނަމަ ދުނިޔޭގެ ބާޒާރުގައި ކާބޯތަކެއްޗާއި ތެލުގެ ބާވަތްތަކުގެ އަގު ބޮޑުތަނުން އުފުލިގެން ހިގައްޖެނަމަ ދެންހަދާނެ ގޮތެކެވެ. އަދި މިކަމަށް ދުނިޔޭގެ ބޮޑެތި ވިޔަފާރިތަކުން ތައްޔާރުވެފައިވަނީ ކިހާމިންވަރަކަށް ތޯއެވެ، ހަކަތައާ ގުޅުންހުރި ވަސީލަތްތަށް ހިމާޔަތް ކުރަން ދުނިޔެއިން ދެންކުރާނީ ކޮންކަމެއްތޯއެވެ.



