މިދިޔަ ދޮޅުމަސް ތެރޭގައި 72 މިލިއަން ރުފިޔާގެ ޑުރަގް އަތުލައިގަނެފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ, މި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ރާއްޖޭގައި އޮތް ޑުރަގުގެ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ގެނައުން ކަމަށާއި އެ މަސައްކަތުގެ ތެރެއިން ޑުރަގް ސަޕްލައި ހުއްޓުވުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.
އެގޮތުން މިދިޔަ ދޮޅުމަސް ތެރޭގައި ފުލުހުންނާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެން ހިންގި ތަފާތު އޮޕަރޭޝަންތަކުގައި ޖުމުލަ 83 ކިލޯގެ ޑުރަގް އަތުލައިގެންފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ތަކެތީގެ މަގުމަތީ އަގަކީ 72.2 މިލިއަން ރުފިޔާ އެވެ. އަތުލައިގެން ތަކެތީގެ ތެރެއިން 72 ކިލޯގެ ޑުރަގަކީ ތަފާތު އަށް އޮޕަރޭޝަނެއްގައި ކަސްޓަމްސް އިން އަތުލައިގެން ތަކެތި ކަމަށް އިހުސާން ވިދާޅުވި އެވެ.



