އެމެރިކާގެ އަސްކަރީ ސަބްމެރީންއަކުން އީރާންގެ އަސްކަރީ މަނަވަރު, ’ދެނާ‘ އަށް ހަމަލާދީ, ފައްތާލިކަމުގެ ހިތި ނަތީޖާއާ އެމެރިކާއިން ކުރިމަތިލާން ޖެހޭނެ ކަމަށް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާޤިޖީ ވިދާޅުވެއްޖެ އެވެ.
180 ފަޅުވެރިންނާއެކު ދަތުރުކުރަމުންދިޔަ އީރާންގެ މަނަވަރަށް ހަމަލާދިނީ އިންޑިއާ ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުން ދަނިކޮށް, އެއްވެސް އިންޒާރެއް ދިނުމެއް ނެތި އެވެ.
އެ މަނަވަރަށް ދިން ހަމަލާގައި އޭގެން ދަތުރުކުރަމުންދިޔަ 87 ފަޅުވެރިއަކު ވަނީ މަރުވެފަ އެވެ. އަދި 32 މީހަކު ސަލާމަތްކޮށްފައިވާއިރު, 60 މީހަކު އަދި ފެނިފައެއް ނުވެ އެވެ. އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ސްރީ ލަންކާ އިން ވަނީ ބުނެފަ އެވެ.
އަރާޤިޖީ ވިދާޅުވީ, އެމެރިކާގެ އެ ހަމަލާއަކީ ލާއިންސާނީ ޖަރީމާއެއް ކަމަށެވެ. އަދި އެމެރިކާއަށް އެ ހަމަލާގެ ހިތި ނަތީޖާއާ ކުރިމަތިލާންޖެހޭނެ ކަމަށް ވިދާޅުވި އެވެ.



