އަންހެނުންގެ ދުވަހު އެލައިޑް ތަކާފުލް އިން ”ކަމަނަ ތަކާފުލް“ގެ ހާއްސަ ޕްރޮމޯޝަނެއް

އެލައިޑް ތަކާފުލްގެ ފަރާތުން ”ކަމަނަ ތަކާފުލް“ ގެ ހާއްސަ ޕްރޮމޯޝަނެއް އިއުލާންކޮށްފި އެވެ.

މިއަދުން ފެށިގެން އަންނަ މެއި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ތެރޭގައި ކަމަނަ ތަކާފުލް ޕްލޭނެއް ނަގާ ފަރާތްތަކަށް ފުރަތަމަ މަހުގެ ކޮންޓްރިބިއުޝަން ހިލޭ ލިބިގެންދާނެ އެވެ.

އެލައިޑުން ބުނީ، ކަމަނަ ތަކާފުލް ޕްރޮމޯޝަނުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގެ ވީހާވެސް ގިނަ އަންހެނުންނަށް މާލީ މިނިވަންކަމާއި ދިގު މުއްދަތުގެ ރައްކާތެރިކަން ހޯދުމަށް ފަސޭހަ މަގުތަކެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި އަންހެނުންގެ ބާރުވެރިކަން ފެށެނީ ފައިސާ ރައްކާކޮށްދޭ، ރައްކާތެރިކަން ކަށަވަރުކޮށްދޭ، އަދި އަންހެނުންނާއެކު ކުރިއަރާނެ ފަދަ ހަރުދަނާ މާލީ ރޭވުމެއް އޮތުމުން ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެގޮތުން މި ޕްލޭންގެ މުއްދަތު ހަމަވުމުން، ބައިވެރިވާ ފަރާތްތައް ރައްކާކުރި ފައިސާއާއި އެ ފައިސާއިން ލިބުނު ފައިދާ އަނބުރާ ލިބިގެންދާނެ އެވެ. މީގެ އިތުރުން، މި ޕްލޭންގައި ”އިމަޖެންސީ ފަންޑް“ އެއް ހިމެނެ އެވެ. މީގެ ސަބަބުން ކޮންމެ ދެ އަހަރަކުން އެއްފަހަރު، ރައްކާކުރި ޖުމްލަ އަދަދުގެ ފަސް ޕަސެންޓާ ހަމައަށް ފައިސާ ނެގުމުގެ ފުރުސަތު ލިބިގެންދެ އެވެ. މިއީ ދިގު މުއްދަތުގެ ސޭވިންގްސް އަށް ބުރޫނާރާނެހެން، ކުއްލިއަކަށް ކުރިމަތިވާ މާލީ ބޭނުންތައް ފުއްދުމަށް އެހީތެރިވެދިނުމުގެ ގޮތުންނެވެ.

”ކަމަނަ ތަކާފުލް“ އަކީ އަންހެނުންނަށް ހާއްސަކޮށްގެން، އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ރައްކާތެރިކަމާއި ފައިސާ ރައްކާކުރުމުގެ (ސޭވިންގްސް) ޕްލޭނެކެވެ. މި ޕްލޭންގައި މާލީ ރައްކާތެރިކަމާއި ދިގު މުއްދަތުގެ ސޭވިންގްސްގެ ފައިދާތައް އެކުލެވިގެންވެ އެވެ.

މީގެ އިތުރުން، މި ޕްލޭނަކީ ފައިސާ ރައްކާކުރުމާއި ރައްކާތެރިކަމާއި ލުއިފަސޭހަކަން ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. މީގެ ސަބަބުން އަންހެނުންނަށް އެ މީހުންގެ އާއިލާ ރައްކާތެރިކުރުމާއެކު، އަމިއްލަ މާލީ މުސްތަގުބަލު ބައްޓަންކުރުމުގެ ބާރުވެރިކަން ލިބިގެންދާނެ އެވެ.

ކަމަނަ ތަކާފުލް ޕްލޭނަކީ މަރުވުމާއި ނުރައްކާތެރި ބަލިތަކާއި އަދި ދާއިމީ ނުކުޅެދުންތެރިކަން ފަދަ ހާލަތްތަކުގައި ފުރިހަމަ މާލީ ރައްކާތެރިކަން ފޯރުކޮށްދޭ ޕްލޭނެކެވެ. މި ޕްލޭންގެ ހުރިހާ މުއާމަލާތްތަކެއް ކުރިއަށްދާނީ އިސްލާމީ ޝަރީއަތުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މީގެ އިތުރުން، އަންހެނުންގެ ސިއްހަތާއި މާލީ ދުޅަހެޔޮކަމަށް އެލައިޑް ތަކާފުލް އިން ދޭ އަހައްމިއްޔަތު ހާމަކޮށްދިނުމުގެ ގޮތުން، ކަމަނަ ތަކާފުލްގެ ބައިވެރިންނަށް ކޮންމެ ތިން އަހަރަކުން އެއްފަހަރު ހިލޭ ކެންސަރު ސްކްރީނިންގް ހެދުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.

އެލައިޑް ތަކާފުލްގެ މަގުސަދަކީ، އާއިލާތަކަށާއި ވަކިވަކި ފަރުދުންނަށް އިތުބާރާއި ހިތްހަމަޖެހުމާއެކު މުސްތަޤްބަލު ރޭވުމަށް އެހީތެރިވެދޭނެ ފަދަ، ރައްކާތެރިކަން ކަށަވަރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމިއޮތުމެވެ.