ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ހަމަވުމަށްފަހު، ދަރިފުޅަށް ކޮށްދޭން ޖެހޭ ކަންކަން ކުރުމަށް މުވައްޒަފުންނަށް ހުސް ވަގުތުދޭ މުއްދަތު އިތުރުކުރަން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުން، ދަރިފުޅަށް އެއް އަހަރުވަންދެން މުސާރައިން ނުކެނޑޭ ގޮތަށް ކޮންމެ ދުވަހަކު ދެ ފަހަރު 30 މިނެޓުގެ ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް ލިބެއެވެ.
އެ ގާނޫނަށް ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ހުށަހެޅުއްވި އިސްލާހުގައި ވަނީ، ދަރިފުޅުގެ އުމުރުން ދެ އަހަރު ވަންދެން ކޮންމެ ދުވަހަކު ދެ ފަހަރަށް 30 މިނެޓްގެ ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް ދޭން ޖެހޭ ގޮތަށެވެ.
އުމުރުން ދެ އަހަރުވަންދެން ދަރިފުޅު ބަލަން ވަގުތުދޭގޮތަށް ފާސްކުރުމުގެ އިތުރުން، ވަޒީފާއިން ވަކިކުރުމުގެ ކުރިން ދޭން ޖެހޭ ނޯޓިހުގެ މުއްދަތަށް ބަދަލު ގެންނަން ވެސް މިއަދު ވަނީ ފާސްކޮށްފައެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން، ދެ ހަފްތާގެ ނޯޓިހެއް ދޭން ޖެހެނީ ހަ މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް އުޅުނު މުވައްޒަފުންނަށް ކަމަށްވީ ނަމަވެސް، އިސްލާހުގައި ވަނީ އެއް އަހަރު ނުވާ ކޮންމެ މުވައްޒަފަކަށް ވެސް މަދުވެގެން ދެ ހަފްތާގެ ނޯޓިހެއް ދޭން ޖެހޭނެ ކަމަށެވެ.
އެއަށްވުރެ ކުރު މުއްދަތެއް ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގެ ނޯޓިހުގެ ގޮތުގައި ދޭން ޖެހޭ ގޮތަށް ދެ ފަރާތުން އެއްބަސްވުމަށް ފުރުސަތު އޮންނާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.




1 Comment
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި