ދެ އިންތިހާބު އެކުގައި ބާއްވާ ވޯޓު ރައްޔިތުން ކާމިޔާބުކޮށްދޭނެ، ކަންބޮޑުވާކަށް ނުޖެހޭ: ނާޒިމް 

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ވޯޓު ރައްޔިތުން ކާމިޔާބުކޮށްދޭނެ ކަމަށާއި އެކަމާ ކަންބޮޑުވާން ނުޖެހޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބަށް ޕީއެންސީގެ މަންޗަންގޮޅި ދެކުނު ކެމްޕޭން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ލަދުގަންނަވާލާ ވަރުގެ ބައްޔަކުން ބަލިކުރާނެ ކަމަށް އެމްޑީޕީން ބުނަމުންދިޔަ ނަމަވެސް، ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ކޮށްދޭ ކަމަކަށްވާތީ، ރައްޔިތުން އެކަން ބަލައިގަންނާނެ ކަމަށެވެ.

ފެންނަ ނުފެންނަ ވޯޓު ކާމިޔާބުކުރާނީ ރައްޔިތުންނަށް ކޮށްދޭ ހެޔޮކަމެއްގެ ގޮތުން ކަމަށާއި ރައްޔިތުން ބުނާ އަޑުއެހުމަކީ އުފާވާނެކަމެއް ކަމަށެވެ. އަދި އެކަމާ އެއްގޮތަކަށްވެސް ލަދުގަންނަން ނުވަތަ ކަންބޮޑުވާން ވެސް ނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަނީ ކަމަށްބުނެ ރައްޔިތުންނަށް އޮޅުވާލުމަށް އެމްޑީޕީން މަސައްކަތްކުރަމުންދާ ކަމަށާއި ނަމަވެސް ހަގީގަތަކީ އެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށެވެ. އަދި މިއީ ރާއްޖޭގައި އަލަށް ހިނގާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ސަރުކާރުގެ އިހުލާސްތެރިކަން ބަލައިގަނެ، ރައްޔިތުން ވޯޓުދީގެން އެކަން ފާސްކޮށްދޭނެކަމާ މެދު އެއްވެސް ޝައްކެއް ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.