ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާނީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ކަމަށް އެ ޕާޓީން ނިންމައިފި އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރު މުހައްމަދު ސިނާން (ސިނާ)ގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން 12 އޭޕްރިލްގައި ކުރި ހުކުމާ ގުޅިގެންނެވެ. ސުޕްރީމް ކޯޓުން އެގޮތަށް ހުކުމްކުރީ ސިނާއާއި އިތުރު މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޫބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި ކަމަށް ބުނެ މީހަކު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
އެ ގޮނޑި ހުސްވުމާއި ގުޅިގެން އެ ދާއިރާގެ ބައި-އިލެކްޝަނަށް އެމްޑީޕީން ހުޅުވަލީ 13 އޭޕްރިލްގައެވެ. މުއްދަތު ހަމަވީ މިއަދަށެވެ.
އެމްޑީޕީން މިއަދު ބުނީ، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޕްރައިމަރީއަށް ހުޅުވާލި މުއްދަތު ހަމަވިއިރު ކުރިމަތިލާފަވާނީ ސޯބެ އެކަނި ކަމަށެވެ. އެހެންވެ އޭނާއަކީ އެ ޕާޓީގެ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ކެންޑިޑޭޓްކަމަށް އާންމުކޮށް އަންގާ އިއުލާންކުރާ ކަމަށް ބުންޏެވެ.



