ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތަށް، އެސްއޯއީތަކުން މުވައްޒަފުން ވަކިކުރާނީ ވަޒީފާއާ ބެހޭ ގާނޫނަށް އެއްގޮތަށް މުވައްޒަފުންނަށް ކުރިމަތިވާނެ ދަތިތަކަށް ބަލައިގެން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ފިނޭންސް މިނިސްޓްރީން ވަނީ އެސްއޯއީތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރަން ޕީސީބީއަށް އަންގައިފައެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާ އަސަރުތަކަށް ފިޔަވަޅު އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ކެބިނެޓް މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެސްއޯއީތަކުގައި މިހާރު ގާތްގަނޑަކަށް 42،000 މުވައްޒަފުން މަސައްކަތްކުރާ ކަމަށާއި އޭގެ ތެރެއިން ބައެއް ކުންފުނިތަކުން 33 ޕަސަންޓު މުވައްޒަފުން މަދުނުކުރެވިދާނެ ކަމަށެވެ.
ކުންފުނިތަކުން މުވައްޒަފުން މަދުކުރަމުންދާނީ އެ ކުންފުނިތަކުގެ އޮޕަރޭޝަންސްތަކަށް ބެލުމަށްފަހު ކަމަށާއި އެކަން ކުރާނީ ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް، އަދި މުވައްޒަފުންނަށް ކުރިމަތިވާނެ ދަތިތަކަށް ވެސް ބަލައިގެން ކަމަށް ޒަމީރު ވިދާޅުވިއެވެ.
ކުންފުނިތަކުން މުވައްޒަފުން މަދުކުރުމަށް އަންގާފައިވަނީ، ކުންފުނިތަކުގެ ހިންގުމުގެ ހަރަދު ކުޑަކުރުމަށާއި ހަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައެވެ.



