ހިއުމަނޮއިޑް ރޮބޮޓެއް ހާފް މެރަތަންއެއްގައި ދުވެ، އިންސާނުން މިހާތަނަށް ހަދާފައިވާ ދުނިޔޭގެ ރެކޯޑެއް މުގުރާލައިފި އެވެ.
ޗައިނާގެ ސްމާޓްފޯން ކުންފުނި ”އޮނާ“ އިން އުފައްދާފައިވާ ”ލައިޓްނިން“ ނަމަކަށް ކިޔާ މި ރޮބޮޓް ވަނީ އާދިއްތަ ދުވަހު ބެއިޖިންގައި ބޭއްވި ”ބެއިޖިންގް އީ-ޓައުން ރޮބޮޓް ހާފް މެރަތަން“ގެ 21 ކިލޯމީޓަރުގެ ދުވުން އެންމެ 50 މިނެޓާއި މަދު ސިކުންތުކޮޅެއްގެ ތެރޭގައި ނިންމައިފަ އެވެ. މިއީ މިހާތަނަށް އިންސާނަކު މި ދުރުމިނަށް ދުވެގެން ހަދާފައިވާ ދުނިޔޭގެ ރެކޯޑް ކަމަށްވާ 57 މިނެޓަށްވުރެ ގާތްގަނޑަކަށް 7 މިނެޓް އަވަސް ވަގުތެކެވެ.
މި ރޭސް ކުރިއަށް ގެންދިޔައީ އިންސާނުންނާއި ރޮބޮޓްތައް ޖެހި އެކްސިޑެންޓްވިޔަ ނުދިނުމަށްޓަކައި އިންސާނުން ދުވާ ޓްރެކާ ވަކިންނެވެ.
އޮނާ ކުންފުނީގެ ޑިވެލޮޕްމަންޓް އިންޖިނިއަރެއް ކަމަށްވާ ޑޫ ޝިއާއޯޑީ ބުނިގޮތުގައި، މި ކާމިޔާބީއަކީ ރޮބޮޓިކްސް ދާއިރާގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
”މި ރޭހުގައި ބޭނުންކުރި ޓެކްނޮލޮޖީތަކަކީ މުސްތަގުބަލުގައި މުދާ އުފުލުމާއި އުފެއްދުންތެރިކަމާއި އަދި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭނުންކުރެވޭނެ އުކުޅުތަކެއް،“ އޭނާ ބުންޏެވެ.
މި ރޭހުގައި ގިނަ އަދަދެއްގެ ރޮބޮޓްތައް ބައިވެރިވި އިރު، ބައެއް ރޮބޮޓްތައް އަމިއްލައަށް ދުވުނުއިރު، އަނެއްބައި ރޮބޮޓްތައް ކޮންޓްރޯލް ކުރީ ރިމޯޓް މެދުވެރިކޮށެވެ. ނަމަވެސް ހުރިހާ ރޮބޮޓަކަށް ރޭސް ފުރިހަމައެއް ނުކުރެވުނެވެ. ބައެއް ރޮބޮޓްތައް ދުވަމުން ދަނިކޮށް ވެއްޓި ހަލާކުވެގެން ސްޓްރެޗަރުގައި އުފުލަން ޖެހުނެވެ.



