މީދާ ވިހަ ފެނުމުން ”ހިޕް“ ބްރޭންޑުގެ ކާނާ ބޭނުން ނުކުރަން އިލްތިމާސްކޮށްފި

ޖަރުމަނުގެ ”ހިޕް“ ބްރޭންޑުގެ ކުޑަކުދިންގެ ކާނާގެ ފުޅިއަކުން މީދާ މަރާ ވިހަ ފެނުނު މައްސަލައަކާ ގުޅިގެން އެ ބްރޭންޑުގެ ތަކެތި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެމްއެފްޑީއޭ އިން ބުނީ އެ އުފެއްދުމަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ އުފެއްދުމަކަށް ނުވިޔަސް، އަމިއްލަ ބޭނުމަށް ރާއްޖެ އެތެރެކޮށް ބޭނުންކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބާވަތުގެ އެއްވެސް އުފެއްދުމެއް ރާއްޖެ އެތެރެ ނުކުރުމަށާއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

އެ މައްސަލައިގައި އޮސްޓްރިއާގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތަހުގީގަށް ނެގި ސާމްޕަލްތައް ޓެސްޓުކުރިއިރު މީދާ މަރާ ވިހަ ފެނިފައިވާ ކަމަށެވެ. ޖަރުމަނާއި އޮސްޓްރިއާގެ އިތުރުން ޗެކް ރިޕަބްލިކް އަދި ސްލޮވާކިއާގެ ފުލުހުން ވެސް ވަނީ އެ ބާވަތުގެ ފުޅިތައް ތަހުގީގަށް ނަގައިފައެވެ. ފުލުހުން ޝައްކުކުރާ ގޮތުގައި މިއީ އެ ކުންފުންޏަށް ބިރުދައްކައި ފައިސާ ހޯދުމަށް ބަޔަކު ކުރި ކަމެކެވެ.

ހިޕް ކުންފުނިން ބުނެފައިވަނީ އެއީ ކާނާ އުފެއްދުމުގެ ތެރޭގައި ދިމާވި މައްސަލައެއް ނޫން ކަމަށާއި، ބަޔަކު ގަސްދުގައި ކާނާ ތަގައްޔަރުކުރުމަށް ހިންގި އަމަލެއް ކަމަށެވެ. އެ ކުންފުނިން މިހާރު އަންނަނީ އޮސްޓްރިއާގެ ބާޒާރުގައި ހުރި އެ ކުންފުނީގެ ކުޑަކުދިންގެ ކާނާގެ އުފެއްދުންތައް އަނބުރާ ނަގަމުންނެވެ.