މަޖިލީހުގެ 241 ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީން ނާޒިމް ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމު ވަކިކޮށްފި އެވެ.

މަޖިލީހުގެ ވެބްސައިޓުން ދައްކާ ގޮތުން 241 ކޮމިޓީއަށް ނާޒިމްގެ ބަދަލުގައި އައްޔަންކޮށްފައިވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އެވެ. އަދި މާލިއްޔަތު ކޮމިޓީއަށް އޭނާގެ ބަދަލުގައި އައްޔަންކޮށްފައިވަނީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރެވެ.

ދައުލަތުގެ މާލިއްޔަތާ ގުޅޭ ހުރިހާ ކަމެއް ބަލައި، ދޭންޖެހޭ ލަފާތައް ދިނުމާއި އެންގުންތައް އެންގުމުގެ ބާރު އޮންނަ މާލިއްޔަތު ކޮމިޓީން ނާޒިމް ވަކިކުރި އިރު، އޭނާއަކީ އެ ކޮމިޓީގައި އެންމެ ހަރަކާތްތެރި އަދި އެންމެ ގިނަ މައްސަލަތައް ސަމާލުކަމަށް ގެންނަވާ އެއް ބޭފުޅެވެ.

ނާޒިމް މީޑިއާތަކަށް ވިދާޅުވި ގޮތުގައި އެ ދެ ކޮމިޓީއަށް ވެސް އޭނާގެ ބަދަލުގައި އެހެން މެންބަރުން އައްޔަންކުރަން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމީ އޭނާގެ މަސައްކަތް މިހާރު ހުރި ގޮތުން، އެ ދެ ކޮމިޓީ އަށް ވަގުތު ނުދެއްވޭތީ އެގޮތަށް އެއްބަސްވެވަޑައިގަތުމުން ކަމަށެވެ.

ނާޒިމް އެހެން ވިދާޅުވި ނަމަވެސް ދައުލަތުގެ ކުންފުނިތަކުގެ ކަންތައްތައް ބަލަހައްޓާ، ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން ނާޒިމް ވަކިކޮށްފައެއް ނުވެ އެވެ.