ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާކުރި މީހަކު 16 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލައިގައި ކުށް ސާބިތުވެ ހުކުމް އައިސްފައިވަނީ ޏ. ފުވައްމުލައް، ފުނާޑު. ނަވާ، އަބްދުﷲ ވަޙީދު މޫސާ (58އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.
މި މައްސަލައިގެ ތަފްސީލު ހިއްސާކުރަމުން ފުލުހުން ބުނީ، ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ޖިންސީ ގޯނާކުރި މައްސަލަ ހުށަހެޅުމާއެކު އެކަން ވަރަށް ސީރިއަސްކޮށް ބަލައި ތަހުގީގު ފަށާފައިވާ ކަމަށެވެ.
ތަހުގީގު ނިންމައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ އޮފީހުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައި ދައުވާ އުފުލައިފައެވެ. މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، 2026 އޭޕްރީލް 19 ގައި ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމައިފައެވެ.
ކޯޓުގެ ހުކުމާ ބެހޭގޮތުން ފުލުހުން އިތުރަށް ބުނެފައިވަނީ، އަބްދުﷲ ވަަހީދު މޫސާ 18 އަހަރަށް ޖަލަށްލުމަށް ކޯޓުން ކަނޑައެޅި ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އޭނާ ބަންދުގައި ހުރި 1 އަހަރާއި 7 މަހާއި 9 ދުވަސް ހުކުމުގެ މުއްދަތުން އުނިކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އޭނާ ތަންފީޒުކުރަންޖެހޭ އަދަބަކީ 16 އަހަރާއި 4 މަހާއި 21 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



