ބޭކާރު ކަމަކަށްވާތީ އެމެރިކާ ސިފައިންނަށް ފްލޫ ވެކްސިން ޖެހުން މަޖުބޫރު ނުކުރާން ނިންމައިފި

އެމެރިކާގެ އަސްކަރިއްޔާގައި މަސައްކަތްކުރާ ސިފައިންނަށް ކޮންމެ އަހަރަކު ފްލޫ ވެކްސިން ޖެހުން މަޖުބޫރުކޮށްފައި އޮތް އޮތުން އުވާލައިފި އެވެ. މިއީ ގާތްގަނޑަކަށް 75 އަހަރަށްފަހު އެމެރިކާގެ އަސްކަރީ ސިޔާސަތަށް ގެނެވުނު ބޮޑު ބަދަލެކެވެ.

ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް ސޮއިކުރެއްވި ރަސްމީ މެމޯއެއްގައިވާ ގޮތުން، މިހާރުން ފެށިގެން ސިފައިންނަށާއި ޑިފެންސް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މަދަނީ މުވައްޒަފުންނަށް ފްލޫ ވެކްސިން ޖެހުމަކީ އެ މީހެއްގެ އަމިއްލަ އިހުތިޔާރުގައި އޮތް ކަމެކެވެ. އަދި މި ނިންމުމަކީ ސިފައިންގެ މިނިވަންކަމާއި ވަރުގަދަކަން އަލުން އިޔާދަކުރުމަށް ޓްރަމްޕް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށްވެސް ބުނެފައިވެ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް ’އެކްސް‘ ގައި އާންމުކުރެއްވި ވީޑިއޯއެއްގައި ވާހަކަދައްކަވަމުން ހެގްސެތް ވިދާޅުވީ، ސިފައިންގެ މީހުންނަށް ފްލޫ ވެކްސިން މަޖުބޫރުކުރުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށާއި ހަނގުރާމަވެރި ގާބިލުކަން ދަށްކޮށްދޭ މިފަދަ ބޭކާރު މަޖުބޫރުކުރުންތައް އުވާލުމަކީ އަސްކަރިއްޔާގެ ތައްޔާރީ ހާލަތު ވަރުގަދަކުރުމަށް މުހިންމު ކަމެއް ކަމަށެވެ.

މި ނިންމުމާ ގުޅިގެން ސިއްހީ މާހިރުންގެ މެދުގައި ބައެއް ކަންބޮޑުވުންތައް ވަނީ އުފެދިފަ އެވެ. ވަކިން ހާއްސަކޮށް ނޭވީ އަދި މެރިން ކޯޕްސް ފަދަ ޔުނިޓްތަކުން ވަނީ ސިފައިންގެ ތެރޭގައި ރޯގާ ފެތުރުމަކީ ސިފައިންގެ ތައްޔާރީ ހާލަތަށް ނޭދެވޭ އަސަރުކޮށް، އަސްކަރީ މިޝަންތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ބުނެފަ އެވެ.

އެމެރިކާގެ އަސްކަރިއްޔާގައި ފްލޫ ވެކްސިން މަޖުބޫރުކުރަން ފުރަތަމަ ފެށީ 1945 ވަނަ އަހަރު އެވެ. އޭގެ ފަހުން 1949 ގައި އެކަން އުވާލުމަށްފަހު، އަލުން 1950 ގެ އަހަރުތަކުގައި މަޖުބޫރުކުރަން ފެށި ގޮތަށް މިހާތަނަށް އޮތީ އެ އުސޫލުގެ މަތީގައެވެ. މީގެ ކުރިން ކޮވިޑް-19 ވެކްސިން މަޖުބޫރުކުރުމާ ގުޅިގެންވެސް އެމެރިކާ އަސްކަރިއްޔާގެ ތެރޭގައި ބޮޑެތި ބަހުސްތަކާއި ހިޔާލުތަފާތުވުންތައް އުފެދުނެވެ.