ރޯދަ މަހާ ގުޅިގެން ސަރުކާރުން ދިން ހާއްސަ ޑިސްކައުންޓަށް ފަހު، މި މަހު ސްޓެލްކޯއިން ފޮނުވި ކަރަންޓު ބިލުތައް އިންތިހާއަށް ބޮޑުވެ، އާންމު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ބައެއް ގޭބިސީތަކުން މައުލޫމާތު ދޭ ގޮތުގައި، ރޯދަ މަހުގެ ޑިސްކައުންޓާއެކު އެ މަހަށް އެންމެ 400 ރުފިޔާ ދައްކަން ޖެހުނު ތަންތަނަށް، މި މަހުގެ ބިލު ވަނީ 3000 ރުފިޔާއަށްވުރެ މައްޗަށް އަރައިފައެވެ.
އެކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ނުރުހުން ފާޅުކުރަމުންނެވެ. ކުއްލިއަކަށް ބިލަށް މިހާ ބޮޑު ބަދަލެއް އައުމަކީ އާންމު ދިރިއުޅުމުގެ ހަރަދުތައް ދެކޮޅު ޖެއްސުމަށް އާއިލާތަކަށް ދިމާވާނެ ވަރަށް ބޮޑު ދަތިކަމެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ. އަދި ބިލު ހިސާބުކުރެވިފައިވާ ގޮތާމެދު ސުވާލު އުފައްދައި، ސްޓެލްކޯއިން ކަމާބެހޭ ފަރާތްތަކުން މިކަން ސާފުކޮށްދިނުމަށް ރައްޔިތުން ދަނީ ގޮވާލަމުންނެވެ.
ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށްވުމާއެކު، ކަރަންޓު ބޭނުންކުރާ މިންވަރު އާންމުކޮށް އިތުރުވެއެވެ. ނަމަވެސް، ޑިސްކައުންޓު ކަނޑާލުމަށްފަހު އައި ބިލުތަކުގައި ފަރަގު މާބޮޑުވުމުން، މިއީ ހަމައެކަނި ބޭނުންކުރި މިންވަރު އިތުރުވުމުގެ ސަބަބުން އައިސްފައިވާ ބަދަލެއްކަމަށް ގަބޫލުކުރަން އާންމުންނަށް ވަނީ ދަތިވެފައެވެ.
ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދިޔަ ނަމަވެސް، ކުއްލިއަކަށް ބިލު އެހާ ބޮޑުވާން ދިމާވި ސަބަބެއް ސްޓެލްކޯއިން މިހާތަނަށް ސާފުކޮށްދީފައެއް ނުވެއެވެ. އަދި މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު މައްޗަށް ދިއުމާ ގުޅިގެން އަގުތައް ބޮޑުވެދާނެކަމުގެ މައުލޫމާތެއް ވެސް މީގެ ކުރިން ދީފައެއް ނުވެއެވެ.



