ޖިނާއީ މައްސަލަތައް އެހެން ފަނޑިޔާރުންނާ ހަވާލުކުރެވޭ އުސޫލަށް ބަދަލު ގެނެސްފި

ޖިނާއީ މައްސަލަތައް ބެލުން އެހެން ފަނޑިޔާރުންނާ ހަވާލުކުރެވޭ އުސޫލަށް ބޮޑެތި ލުއިތަކެއް ދީ، ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރައާތުގެ ގަވާއިދަށް ސުޕްރީމް ކޯޓުން މިއަދު އިސްލާހު ގެނެސްފިއެވެ.

ކުރިން އަމަލުކުރަމުން އައި ގަވާއިދު އޮތް ގޮތުން، އެހެން ފަނޑިޔާރަކާ ޖިނާއީ މައްސަލައެއް ހަވާލުކުރެވެނީ ވަރަށް މަދު ހާލަތްތަކެއްގައެވެ. އޭގެ ތެރޭގައި ހިމެނެނީ މުއްދަތެއް ނެތް ގޮތަށް ފަނޑިޔާރު ސަސްޕެންޑް ކުރުމާއި، މަގާމުން ވަކިކުރުމާއި، މަސްލަހަތު ފުށުއަރާ ހާލަތެއް މެދުވެރިވުން ނުވަތަ މައްސަލަ ބެލުމުން ފަނޑިޔާރަކު ތަނާޒުލްވާން ޖެހުން ފަދަ ހާލަތްތަކެވެ.

މިއަދު ގެނައި އިސްލާހާ އެކު، ފަނޑިޔާރަކު ދެ މަހަށް ވުރެ ދިގު މުއްދަތަކަށް ސަސްޕެންޑް ކޮށްފި ނަމަ، ނުވަތަ ދިގު ޗުއްޓީއަކަށް ގޮސްފި ނަމަ، އަދި ދިގު މުއްދަތުގެ ތަމްރީނު ޕްރޮގްރާމަކަށް ފަނޑިޔާރު ވީއްލާފައިވާ ހާލަތްތަކުގައި ވެސް އެހެން ފަނޑިޔާރަކާ މައްސަލަތައް ހަވާލުކުރެވޭނެއެވެ. އޭގެ އިތުރުން، އެއް ހާދިސާއަކާ ގުޅިގެން ހުށަހެޅޭ އަދި އެއް ހެކިންތަކެއް ހިމެނޭ މައްސަލަތައް ދެ ފަނޑިޔާރަކު ނުވަތަ ދެ ބެންޗަކުން ބަލާ ހާލަތްތަކުގައާއި، ޝަރުއީ ވަފުދަކުން މައްސަލަ ބަލާ ހާލަތުގައި ވެސް އެހެން ފަނޑިޔާރަކާ މައްސަލަ ހަވާލުކުރެވިދާނެ ކަމަށް އާ އުސޫލުގައިވެއެވެ.

އެ އިސްލާހުގައިވާ ގޮތުން، ފަނޑިޔާރުން ބަދަލުކުރަންޖެހޭ އެފަދަ ހާލަތްތަކުގައި އެކަމާ މެދު ގޮތެއް ނިންމާނީ އެ ކޯޓެއްގެ އިސް ފަނޑިޔާރު ނުވަތަ އިސް މެޖިސްޓްރޭޓެވެ.