ރައީސް ޑރ. މުހައްމަދު މުއިއްޒަކީ މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ ތާއީދު ހޯއްދަވަން އުޅުއްވާނެ ބޭފުޅެއް ނޫން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އިހުސާން ވިދާޅުވީ، މި ސަރުކާރުގެ މަރުގެ ހުކުމް ތަންފީޒުކުރާނެ ވަހަކަ ދައްކަނީވެސް އަދި އެކަން ކުރާނީވެސް ރާއްޖޭގެ ގާނޫނުތަކުގައި އެކަން ކުރަން އޮންނަ ގޮތަށް ކަމަށެވެ.
”އަދުގެ ސަރުކާރުން، ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާއަކީ މީހުންގެ މަރުގެ ހުކުމް ތަންފީޒުކޮށްގެން ރައްޔިތުންގެ ތާއީދު ހޯއްދަވަން ބޭނުންފުޅުވާ ބޭފުޅެއް ނޫން އިނގޭތޯ. އަޅުގަނޑުމެން މަރުގެ ހުކުމް ތަންފީޒުކުރާ ވާހަކަ މި ދައްކަނީ އަދި އެކަން އިރާދަކުރެއްވިއްޔާ ކުރާނީވެސް އެއީ ރާއްޖޭގެ ގާނޫނުތަކުގައި އެކަން އޮތް ގޮތަށްވާތީ. ރާއްޖޭގެ ގާނޫނު ނަގަހައްޓާ، ރާއްޖޭގެ ގާނޫނު ކަނޑައެޅިފައި އޮތް ގޮތަށް ކަންކަން ކުރުމަށްޓަކައި. އެއްވެސް ހާލެއްގައި ރައްޔިތުންގެ ތާއިދާއި ތާއީދު އޮތްތޯ މިބާވަތުގެ ކަންކަން ބެލުމަކަށް ނޫން.“ އިހުސާން ވިދާޅުވި އެވެ.
މިދިޔަ މާރިޗު މަހު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައީސް ވަނީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ރާއްޖެވާއިރު، މަރުގެ ހުކުމް ތަންފީޒު ކުރާން ޖެހޭ ފަރާތްތަކަށް އެ އަދަބު ނުދީ ހުރުމަކީ ދައުލަތަށް އިހުތިޔާރީ ކަމެއް ނޫން ކަމަށެވެ.
އެހެންކަމުން މަރުގެ އަދަބު ތަންފީޒުކުރުމަށް ހާއްސަ ގާނޫނެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްވުމާއެކު މަރުގެ ހުކުމް ތަންފީޒުކުރަން ފައްޓަވާނެ ކަމަށް ރައީސް އެ ދުވަހު ވިދާޅުވި އެވެ.



