ދަނާލުގައި މަރުވި މީހާގެ މަރުގެ މައްސަލަ އެޗްއާރުސީއެމުން ބަލަން ފަށައިފި 

އެޗްއާރުސީއެމްގެ މެންބަރުން ބައްދަލުވުމެއްގައި -- ފޮޓޯ: އެޗްއާރުސީއެމް

ގައުމީ ޔުނިވާސިޓީ، އެމްއެންޔޫގެ ދަނާލުގައި އަންހެނަކު މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފިއެވެ.

ދަނާލުގައި ދިރިއުޅޭ އަންހެނަކު މަރުވެފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ މައްސަލަ ފުލުހުން ވެސް ދަނީ ތަހުގީގުކުރަމުންނެވެ.

އެޗްއާރުސީއެމުން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ އެމްއެންޔޫގެ މަޖުދުއްދީން ދަނާލުގައި، ހިނގައިދިޔަ އެ ހާދިސާގައި ނިޔާވި ދަރިވަރުގެ އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށާއި އެ ހާދިސާ އެ ކޮމިޝަނުން އިސްނަގައިގެން ބަލަމުންދާ ކަމަށެވެ.

އެ ހާދިސާއާ ގުޅޭގޮތުން، ހަގީގަތާ ހިލާފު ވާހަކަ އާއި ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާންމު ނުކުރުމަށާއި، އަދި އޭނާގެ ކަރާމާތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އިލްތިމާސްކުރާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ މައްސަލައާ ގުޅޭގޮތުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭ 8:40 ގައި އެ އަންހެން މީހާގެ ފަރާތުން ފުލުހުންގެ ވިކްޓިމް ސަޕޯޓްގެ ވައިބާ ނަންބަރަށް މެސެޖެއް ލިބުނު ކަމަށާއި އެރޭ 8:49 އާ ހަމައަށް ވިކްޓިމް ސަޕޯޓުން އޭނާއަށް ޖަވާބު ދިން ކަމަށެވެ. އަދި އެ މެސެޖަށް އޭނާގެ ފަރާތުން ޖަވާބެއް އައީ 8:50 ގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެރޭ 8:53 ގައި ދެ މެސެޖު ކުރި ކަމަށާއި އޭނާ ރަނގަޅު ކަމަށްބުނެ 8:56 ގައި ބޭރަށް ދާ ކަމަށްބުނެ މެސެޖެއް ކުރި ކަމަށެވެ. އެއަށްފަހު އެރޭ 12:38 ގައި ”އައިއެމް ގޯން“ ކަމަށްބުނެ މެސެޖެއް ކުރުމުން 12:42 ގައި ފުލުހުން އެ މެސެޖަށް ރެސްޕޮންޑު ކުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވިކްޓިމް ސަޕޯޓުން އެންމެ ފަހުން ފޮނުވި މެސެޖަށް އަންހެން މީހާ ޖަވާބު ނުދީ އޭނާ އޮފްލައިންވުމުން 1:03 ހާއިރު ވިކްޓިމް ސަޕޯޓުން ފުލުހުންގެ ކޮމާންޑް ސެންޓަރަށް ގުޅައި އެތަނަށް ފުލުހުން ފޮނުވުމަށް އެދިފައިވާ ކަމަށެވެ. އަދި ފުލުހުން 1:08 ހާއިރު ދަނާލަށް ވަދެ، އެ އަންހެން މީހާ ދިރިއުޅުނު ކޮޓަރި ދެނެގަނެވުނީ 1:32 ހާއިރު ކަމަށް އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ ފުލުހުން އެ ކޮޓަރިއަށް ވަދެފައިވަނީ ފެންލައިޓުން ކަމަށާއި މަރުވި މީހާއަކީ މީގެ ކުރިންވެސް ފުލުހުންގެ އެހީ ހޯދައިފައިވާ މީހެއް ކަމަށެވެ. އަދި މައްސަލައާ ގުޅިގެން ފުލުހުން އަމަލުކޮށްފައިވާ ގޮތާ ގުޅޭގޮތުން އެތެރޭގެ ރިވިއުއެއް ހިންގައި، މިނިވަން މުއައްސަސާތަކުން އެ މައްސަލަ ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.