ގަމު މެންޓަލް ހޮސްޕިޓަލް މަޝްރޫއު ޕާކުކޮށް، މާލޭގައި މެންޓަލް ހޮސްޕިޓަލެއް ހަދަނީ

12 އެޕްރީލް 2024، ރައީސް ޑރ. މުހައްމަދު މުއިއްޒު، ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ގަމަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަނީ ---- ފޮޓޯ: ރައީސް އޮފީސް

ނަފުސާނީ ބަލިތަކަށް ހާއްސަ ކޮށްގެން މާލެ ސަރަހައްދުގައި މެންޓަލް ހޮސްޕިޓަލެއް ހަދަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މެންޓަލް ހޮސްޕިޓަލްގެ ޓައިމްލައިން:

  • 4 ސެޕްޓެންބަރު 2023: ރާއްޖޭގައި ހަދާ ފުރަތަމަ މެންޓަލް ހޮސްޕިޓަލް ލ. ގަމުގައި ހައްދަވާނެ ކަމަށް ލ. ގަމުގައި ބޭއްވެވި ކެމްޕެއިން ޖަލްސާއެއްގައި ރައީސް ވައުދުވެވަޑައިގެންނެވި
  • 12 އޭޕްރިލް 2024: މެންޓަލް މެޑިކަލް ޓޫރިޒަމާ އެކު މެންޓަލް ހޮސްޕިޓަލެއް ތަރައްގީ ކުރައްވާނެ ކަމަށް ގަމަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ތަކުރާރު ކުރެއްވި
  • 28 ޖޫން 2025: އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ގަމުގައި މެންޓަލް ހެލްތު ހޮސްޕިޓަލް އިމާރާތް ކުރުމުގެ ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ’މިހާރު‘ އަށް ވިދާޅުވި. އަދި އެ މަސައްކަތް މިދިޔަ އަހަރު ފަށާނެ ކަމަށް ވިދާޅުވި.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، ނަފުސާނީ ބަލިތަކުގެ މައްސަލަތަކަކީ ރާއްޖޭގައި އިތުރުވަމުން އަންނަ ކަމެއް ނަމަވެސް ސަރުކާރުން ވެސް އަދި މުޖުތަމައުންވެސް މާބޮޑު އަޅާލުމެއް ނުދެވި އޮތް މައްސަލައެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައްލުކުރުމަށް އިސްލާހީ ކަންތައްތަކެއް ކުރުމަކީ މި ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

އެގޮތުން މެންޓަލް ހޮސްޕިޓަލަކީ އެ މަނިކުފާނުގެ ވައުދުފުޅެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެކަން ކުރަން ނިންމާފައި އޮތީ ބޭރުގެ ލޯނެއް ނަގައިގެން ކަމަށްވީ ނަމަވެސް އެ ލޯނު ހަމަނުޖެހި ލަސްވަމުންދާތީ ދައުލަތުގެ ބަޖެޓުން މެންޓަލް ހޮސްޕިޓަލް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެކަން ކުރާނީ ބަޖެޓުގެ ”ނިއު ޕޮލިސީ އިނިޝިއޭޓިވް“ ގެ ތެރެއިން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

”ފުރަތަމަ އަޅުގަނޑުމެން މި ނިންމީ ސަރުކާރުގެ ބަޖެޓުން، ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ގޮތުގައި މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ސްޕޭސްގެ ތެރެއިން މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް. ދެން އޮރިޖިނަލީ ލޯން އެހީގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލް އަޅަން އޮތީ ލ. އަތޮޅު ގަމުގައި. އެ ޕްރޮޖެކްޓް އެތަނުގައި ކުރިއަށް ގެންދިއުން އެގޮތުގައި ބާއްވާފައި، އެ ކެންސަލް ނުކޮށް. އެއަށް ދެން ފަހުން ގޮތެއް ނިންމާނީ. މާލޭގައި މި ހޮސްޕިޓަލް އަޅަން މި ނިންމީ،“ ރައީސް ވިދާޅުވި އެވެ.