ސިޔާސީ ހަރަކާތްތައް ގާނޫނާ އެއްގޮތަށް ހިންގުމަށް އެމްޑީޕީ އާއި ޕީއެންއެފަށް އަންގައިފި 

ޕީއެންއެފްގެ މުޒާހަރާއެއްގެ ތެރެއިން -- ފޮޓޯ: ޕީއެންއެފް

ސިޔާސީ ހަރަކާތްތައް ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކުރިއަށްގެންދިއުމަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ޕީޕަލްސް ނޭޝަނަލް ފްރަންޓަށް ސިޓީ ފޮނުވައިފިއެވެ.

އީސީން ބުނީ އެ ދެ ޕާޓީން މިހާރު މާލޭގައި ސިލްސިލާކޮށް ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ވާހަކަ ދައްކައި، އާންމުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް، ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ހަރަކާތްތައް ހިންގަމުންދާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ފޮނުވި ސިޓީގައި، ސިޔާސީ ހަރަކާތްތައް ހިންގަންވާނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށް ބުނެފައިވެއެވެ. އަދި ސުލޫކީ މިންގަނޑާ ހިލާފަށް ޕާޓީތަކުގެ ވެރިންނާއި މެންބަރުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑު ނުކިޔުމާއި، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފުރަތު އުފެދޭ ގޮތަށް ހަގީގަތާ ހިލާފު ސާބިތު ނުހިފޭ ވާހަކަ ނުދެއްކުމަށް ވެސް އީސީން ވަނީ އިލްތިމާސްކޮށްފައެވެ.

އޭގެ އިތުރުން ގާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ ޢާންމު ބައްދަލުވުންތަކާއި ހަރަކާތްތައް ނުބޭއްވުމަށް ނަސޭހަތްތެރިވެ، ގާނޫނީ ހުދޫދުގެ ތެރެއިން ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކަށް ކޮމިޝަނުން މަރުހަބާ ކިޔާނެ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެއެވެ.