އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބާއްވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ޕީއެންސީގެ ޓިކެޓް ލިބުނު ނަމަވެސް ބައި އިލެކްޝަންގައި ވާދަނުކުރާން އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އޭރުގެ އެ ދާއިރާގެ މެމްބަރު ސިނާން އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް ސިނާން ފައިސާ ނުދެއްކެވި މައްސަލައިގަ އެވެ. ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މި މަހުގެ 12 ވަނަ ދުވަހު އެވެ.
އެ ދާއިރާގެ ޕީއެންސީގެ ޓިކެޓު ސިނާ ހޯދީ 25 އޭޕްރިލްގައި ބޭއްވި އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރައްވައިގެންނެވެ. ޕްރައިމަރީގައި ސިނާއާ ވާދަކުރީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ.
ޕްރައިމަރީގައި އޭނާއަށް ތާއީދުކޮށް ވޯޓު ދިން މެންބަރުންނަށް ޝުކުރު އަދާކޮށް ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ސިނާ ވިދާޅުވީ، މިދިޔަ ތިން ދުވަހު ދާއިރާގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ގާތުން ކުރެވުނު މަޝްވަރާތަކާއެކު މި ފަހަރު ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުވާން އެންމެ ފަހިވާނީ އޭނާ ފަހަތަށް ޖެހި އެހެން އާ ބޭފުޅަކަށް ފުރުސަތު ދީގެން ކަމަށް ފެންނާތީ އެގޮތަށް ނިންމާފައިވާ ކަމަށެވެ.
އެގޮތަށް ނިންމި ނަމަވެސް ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރުމަށްޓަކައި ޕާޓީން ނުކުންނަ ކެނޑިޑޭޓެއް އިންތިހާބު ކޮށްދިނުމަށް ފުރިހަމަ ބައިވެރިވުމާއި ފުރިހަމަ ދައުރު އެންމެ ފުޅާކޮށް އޮންނާނެ ކަމަށް ވިދާޅުވި އެވެ.
ސިނާ ވިދާޅުވީ، އެ ނިންމުން މިހާރު ޕާާޓީގެ ރައީސަށާއި ލީޑާޝިޕަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި ލީޑާޝިޕުން އިހުތިރާމާއެކު ބަލައިގެންފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. އެ ޕާޓީގެ ޓިކެޓު ހޯދަން އިތުރު މީހަކު ހުށަނާޅާތީ ސޯބެ އަށް ވަނީ އެމްޑީޕީގެ ޓިކެޓު ދީފަ އެވެ.









