ފުރާޅުން ފައިބަން އުޅުނު ދެބެއިން ކަރަންޓުގައި ޖެހި، އިތުރު ފަރުވާއަށް ފ. ނިލަންދުއަށް ގެންގޮސްފިއެވެ.
ފ. ފީއަލީގައި މިއަދު ހިނގި ހާދިސާއެއްގައި، އެ ރަށު ވެލްކަމް ގޭގެ ދެބެއިން ކަމަށްވާ އަޒީމް އަދި ޝާމް ކަރަންޓުގައި ޖެހި ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު އެ ރަށަށް ކުރި ވިއްސާރައިގައި ތާންގީއަށް ފެން ނެގުމަށްޓަކައި ގޭގެ ފުރާޅު ސާފުކުރުމަށް ފަހު، ފުރާޅުމަތިން ތިރިއަށް ފައިބަން އުޅުމުގެ ތެރޭގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ދެބެއިން ކަރަންޓުގައި ޖެހުނީ ފުރާޅުން ތިރިއަށް ފައިބަން އުޅެނިކޮށް، މަގުމަތީގައި ހުރި މަގުބައްތި ހޮޅިދަނޑިއެއްގައި އަތްލެވުމާ ގުޅިގެންނެވެ. ކަރަންޓުގައި ޖެހި މަގުމައްޗަށް ވެއްޓުމުގެ ސަބަބުން، އެކަކުގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ.
ހާދިސާ ހިނގި ވަގުތު ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އެ ދެ ޒުވާނުންގެ ހާލަތު އިތުރަށް ބެލުމަށްޓަކައި މިހާރު ވަނީ ފ. ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ. މި ދެބެއިންނަކީ ވެސް އެ ރަށު ފެނަކަ ގޮފީގައި މަސައްކަތް ކުރަމުންދާ ދެ މުވައްޒަފުންނެވެ. ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.









