ކުޅުދުއްފުށީގައި ރުކަކުން ވެއްޓި އަނިޔާވި ޒުވާނާ މަރުވެއްޖެ 

ކުޅުދުއްފުށީ ސިޓީގައި މަސައްކަތެއް ކުރުމަށް ގޮސް އުޅުމުގެ ތެރޭގައި ރުކަކުން ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާދެމުންދިޔަ ހދ. ނޭކުރެންދޫ ޒުވާނަކު މިއަދު މަރުވެއްޖެއެވެ.

އެ ހާދިސާގައި މަރުވެފައިވަނީ ނޭކުރެންދުއަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ ހުސެއިން ޝިފާޒެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިފާޒު ރުކަކުން ވެއްޓުނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ކުޅުދުއްފުށީގައި މަސައްކަތްތަކެއް ކުރުމަށް ގޮސް އުޅުމުގެ ތެރޭގައެވެ. އޭނާ ރުކަށް އެރީ ރުއް ސާފުކުރުމުގެ މަސައްކަތަކަށެވެ. އެ ހާދިސާގައި ރުކުން ވެއްޓުމުގެ ސަބަބުން އޭނާގެ ހަށިގަނޑަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.

ޝިފާޒަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާތައް ސީރިއަސް ކަމުން، އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ މީގެ ތިން ދުވަސް ކުރިންނެވެ. މާލެ ގެނައި ފަހުންވެސް އޭނާ ހޭނާރާ ކަމަށް މައުލޫމާތު ލިބެއެވެ.

ޝިފާޒް މަރުވީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.