ސަރުކާރުތަކުގެ ސިޔާސަތަކީ ރާއްޖެތެރެ އުވާލުން، އަތޮޅުތައް އުވާލުމަކީ ދިވެހިރާއްޖެ އުވާލުން: ނަޝީދު 

ކުރީގެ ރައީސް މުހައްމަދު ނަޝީދު ---

ސަރުކާރުތަކުގެ ސިޔާސަތަކަށް ވެފައި އޮތީ ރާއްޖޭގެ ހުރިހާ ރައްޔިތުން މާލެ ކައިރިއަށް ޖަމާކޮށް ރާއްޖެތެރެ އުވާލުން ކަމަށާއި، އަތޮޅު ކައުންސިލްތައް އުވާލުމަކީ ޒަމާނުއްސުރެ ވާރުތަވެފައިވާ ޖަޒީރާ ދިވެހިރާއްޖެ އުވާލުމަށް މިސްރާބު ޖެހުން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ނަޝީދު، މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ ނަޝީދު ވިދާޅުވީ ދިވެހިރާއްޖެއަކީ އަތޮޅުތަކެއްގެ މައްޗަށް އެކުލެވިފައިވާ ޖަޒީރާ ގައުމެއް ކަމަށާއި، އަތޮޅުތައް އުވާލައިފި ނަމަ ވަރަށް ބޮޑު ބަދަލެއް ރާއްޖެއަށް އަންނާނެ ކަމަށެވެ. އެ ބަދަލުތަކުގެ ސަބަބުން ދިވެހީންނަށް ތަނަވަސްކަން ލިބުމެއް ނެތް ކަމަށާއި، މިއީ ދެކޮޅު ނުޖެހޭ ސިޔާސަތުތަކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”ސަރުކާރުތަކުގެ ސިޔާސަތަކަށް ވެފައި އެބައޮވޭ މާލޭ ކައިރިއަށް ރާއްޖޭގެ ހުރިހާ ރައްޔިތުން ގެނެސް އެއްކުރުން، ރާއްޖެތެރެ އުވާލުން، ޖަޒީރާ ގައުމުކަން އަޅުގަނޑުމެންގެ އަތުން ނިގުޅައިގަތުން. އެނގިލައްވާނެ އަތޮޅު ކައުންސިލު މިހާރު އެވަނީ އުވާލާފައި. އެހެންވީމާ އަތޮޅުތައް އަޅުގަނޑުމެންނަށް މި ގެއްލުނީ،“ އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވަނީ ރާއްޖޭގެ އާބާދީ ދަށްވަމުންދާ މައްސަލައާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ އާބާދީ އިތުރުވާ މިންވަރު ނެގެޓިވްއަކަށް އަދި ނުދިޔަ ނަމަވެސް މިހާރު އުޅެނީ ގާތްގަނޑަކަށް އެއް ޕަސެންޓާއި ދޮޅު ޕަސެންޓާ ދެމެދުގައި ކަމަށެވެ. ރާއްޖެ ކަހަލަ ކުޑަ ގައުމެއްގައި އެއީ ނުރައްކަލެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ އިގުތިސާދީ މަސައްކަތްތަކަށް މީހުން ބޭނުންވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ 250،000 އަށްވުރެ ގިނަ ބޭރު މީހުން ރާއްޖޭގައި މަސައްކަތްކުރާ ކަމަށާއި، ރާއްޖެއަށް ލިބޭ ތަނަވަސްކަން ވެސް އަންނަނީ އެ މީހުން މަސައްކަތްކުރާތީ ކަމަށެވެ. އެހެންކަމުން އާބާދީ ކުޑަވިޔަ ނުދީ ހިފެހެއްޓުމަކީ ވަރަށް ބޮޑު ބޭނުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.