ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ރާއްޖެއާއި ލަންކާއިން މަޝްވަރާކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް، ލަންކާގެ ފޮރިން މިނިސްޓަރު އެމް.ޕީ، ވިޖިތަ ހޭރަތު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން ----

ތިމާވެށި ހިމާޔަތްކުރުމާއި، ފަތުރުވެރިކަން އަދި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ރާއްޖެ އާއި ސްރީލަންކާއާ ދެމެދު މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް މިނިސްޓަރު އެމް.ޕީ، ވިޖިތަ ހޭރަތު ރައީސްގެ އަރިހަށް ކުރެއްވެވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

ރައީސް އޮފީހުން ބުނީ، ދެ ބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ލަންކާއާ ދެމެދު އޮތް 60 އަހަރުވީ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދެއްކެވި ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަކީ އެއްގޮތް އުސޫލުތަކާއި ބަދަހިގުޅުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ދެ ބޭފުޅުން ފާހަގަކުރެއްވި ކަމަށްވެސް ބުންޏެވެ.

އޭގެ އިތުރުން ދެ ގައުމުގެ ލާބައާއި މަންފާއަށް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގައި ދެމިތިއްބަވާނެކަމުގެ ޔަގީންކަން ދެ ބޭފުޅުން އެރުވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނާ ގޮތުން ރައީސް މުއިއްޒުގެ ދެކަނބަލުން، ލަންކާއަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް، ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.