މި އަހަރުގެ ހައްޖުގެ އަޅުކަމަށް ރާއްޖެއިން ފުރާ ފުރަތަމަ ގްރޫޕް މި މަހުގެ 15 ވަނަ ދުވަހު ސައުދީ އަރަބިއްޔާއަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.
މިފަހަރުގެ ރާއްޖެއިން ހައްޖަށްދާ މީހުން ސައުދީއަށް ދިއުމަށް ހަމަޖެހިފައިވަނީ ހަތަރު ފްލައިޓެއްގައެވެ. އޭގެ ތެރެއިން ދެ ފްލައިޓަކީ ގައުމީ އެއާލައިން މޯލްޑިވިއަނުން ބާއްވާ ދެ ދަތުރެވެ. އަނެއް ދެ ފްލައިޓަކީ ސައުދިއާ އެއާލައިނުން ބާއްވާ ދެ ދަތުރެވެ.
ރާއްޖެއިން ހައްޖަށްދާ މީހުން ފުރުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި:
- ފުރަތަމަ ފްލައިޓް: ފުރާނީ މި މަހު 15 ގައި މެންދުރު ފަހު 3:25 ގައި
- ދެވަނަ ފްލައިޓް: ފުރާނީ މި މަހު 17 ގައި ފަތިހު 5:00 ގައި
- ތިންވަނަ ފްލައިޓް: ފުރާނީ މި މަހު 18 ގައި މެންދުރު ފަހު 3:25 ގައި
- ހަތަރުވަނަ ފްލައިޓް: ފުރާނީ މި މަހު 19 ގައި ހެނދުނު 9:30 ގައި
ހައްޖު ކޯޕަރޭޝަނުން ބުނާ ގޮތުގައި މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް ރާއްޖެއިން ހައްޖަށްދާ މީހުން ދާނީ މައްކާ ރޫޓުގެ އިންތިޒާމުތަކުގެ ތެރެއިންނެވެ. އަދި ދިވެހި ހައްޖުވެރިން ސައުދީގައި 22 ދުވަހު ތިބެން ހަމަޖެހިފައިވާއިރު، ހައްޖު ނިންމުމަށް ފަހު ދިވެހިން އެނބުރި ރާއްޖެ އައުމަށް ފުރާނީ އަންނަ މަހު ފަހަކުން ފެށިގެންނެވެ.
މި އަހަރުގެ ހައްޖު ދުވަސް ނުވަތަ ޒުލްހިއްޖާ މަހުގެ 9 ވަނަ ދުވަސް މިހާރު ލަފާކުރެވޭ ގޮތުން ދިމާވަނީ މި މަހުގެ 26 ވަނަ ދުވަހަށެވެ.









