”އަދަދު“ ނޫހުގެ ޑިވައިސްތަކުގެ ޕާސްކޯޑް ދިނުމަށް އަމުރުކޮށްފި

ފުލުހުން އަދަދު ނޫސް ބަލައި ފާސްކުރުން -- ހަފްތާ ފޮޓޯ

”އައިޝާ“ ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް ”އަދަދު“ ނޫހުގެ އޮފީހުން ގެންދިޔަ އިލެކްޓްރޯނިކް ވަސީލަތްތަކުގެ ޕާސްކޯޑް ދިނުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ގާޒީ އަހުމަދު ޝާފިއު ނެރުއްވި އަމުރުގައި އަންގަވާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ލެޕްޓޮޕްތަކާއި ހާޑް ޑްރައިވްތަކާއި ޕެންޑްރައިވްތަކުގެ އިތުރުން ކްލައުޑް ސްޓޯރޭޖްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ޕާސްކޯޑް ފުލުހުންނަށް ދިނުމަށެވެ.

އަދި އެ ޑިވައިސްތަކުގައި ހުރި މައުލޫމާތުތަކަށް ފުލުހުންނަށް އެކްސެސް ވެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ވެސް އަމުރުގައިވެއެވެ. ނަމަވެސް މި ޑޭޓާތައް ބަލާއިރު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ކަނޑައަޅާ ފަރާތެއް ހާޒިރުވެ ހުންނަންވާނެ ކަމަށާއި ނޫސްވެރިކަމުގެ އިމްތިޔާޒުގެ ދަށުން މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގާޒީ ވަނީ ފުލުހުންނަށް އަންގަވާފައެވެ.

މި އަމުރާ ގުޅިގެން ”އަދަދު“ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒުގެ ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވީ ޕާސްކޯޑްތައް ދީފި ނަމަ ނޫހުގެ މަސްދަރުތައް ހާމަވެދާނެ ކަމަށެވެ. މަސްދަރު ހާމަނުކުރުމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގަކަށްވާތީ ދައުވާކޮށް ޖަލަށް ލީ ނަމަވެސް އެ މައުލޫމާތުތައް ފުލުހުންނަށް ނުދޭނެ ކަން ފިޔާޒު ފުލުހުންނަށް އަންގާފައިވާ ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވިއެވެ.

މި މައްސަލައަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގަޒްފުގެ ތުހުމަތުކޮށް އުފައްދާފައިވާ ޑޮކިއުމެންޓްރީއަކާ ގުޅިގެން ހިންގާ ތަހުގީގެކެވެ. މި މައްސަލައިގައި ފިޔާޒާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒްފުގެ ކުށާއި ކުށެއް ކުރުމަށް ރޭވުމާއި ބައިވެރިވުން ހިމެނޭ ގޮތަށް ފަސް ޖިނާއީ ތުހުމަތެއް ފުލުހުން ކުރެއެވެ. މީގެ އިތުރުން ޑޮކިއުމެންޓްރީއަށް މައުލޫމާތު ދިން ކަމަށް ތުހުމަތުކުރާ އައިޝަތު އީޝާ އަޝްރަފްގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައެވެ. މި މައްސަލައިގައި ނޫސްވެރިންނާ މެދު ފުލުހުން އަމަލުކުރަމުންދާ ގޮތާ މެދު ބައިނަލްއަގުވާމީ ޖަމްއިއްޔާ ސީޕީޖޭ އާއި އިނގިރޭސި ސަފީރު ނިކް ލޯ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.