ކޯޓަށް ހުށަހެޅި މައްސަލައަކީ ނަޝީދުގެ ކެމްޕޭނުން ހުށަހެޅި މައްސަލައެއް ނޫން: ކެމްޕޭން ޓީމް

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ރައީސް ނަޝީދާއި އެ މަނިކުފާނުގެ ކެމްޕޭން ޓީމު -- ފޮޓޯ: ހުސައިން ޝާފިއު، އެކްސް

އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕޭނުން ހުށަހެޅި މައްސަލައެއް ނޫން ކަމަށް އެ މަނިކުފާނުގެ ކެމްޕޭން ޓީމުން ބުނެފިއެވެ.

ނަޝީދުގެ ކެމްޕޭން ޓީމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ މައްސަލައަކީ ނަޝީދުގެ ކެމްޕޭނުން ހުށަހެޅި މައްސަލައެއް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ”ކަނޑައެޅިގެން ދޮގު“ ވާހަކައެއް ކަމަށެވެ. އެ ޓީމުން ފާހަގަކުރި ގޮތުގައި އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ޤާނޫނީ ވަކީލު ޢަބްދުﷲ ޝާއިރު އަމިއްލަ ހައިސިއްޔަތުންނެވެ. އެ މައްސަލަ ބިނާވެފައިވަނީ އެމްޑީޕީގެ އަސާސީ ޤަވާއިދުގެ 46 ވަނަ މާއްދާއާ ޚިލާފަށް، އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސްގެ އެންގުމެއް ނެތި އިންތިހާބާ ބެހޭ ކޮމިޓީން އަމިއްލައަށް ނިންމުންތައް ނިންމައި އިންތިހާބު އިންތިޒާމުކުރަމުން ދިއުމުގެ މައްޗަށެވެ.

ނަޝީދުގެ ކެމްޕޭން ޓީމުން އިތުރަށް ބުނީ އެ ބާވަތުގެ ދޮގު ވާހަކަ ފެތުރުމަކީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަށް އޮންނަ އިތުބާރު ގެއްލި، ޕާޓީގެ މަސްލަހަތަށް ހިޔަނި އެޅޭނެ ކަމެއް ކަމަށެވެ. އެ ކެމްޕޭނުން އެދެނީ ވީހާ ވެސް އަވަހަށް ވޯޓުލުމުގެ ފުރުސަތު އެމްޑީޕީގެ ޢާންމު މެންބަރުންނަށް ލިބުން ކަމަށާއި، ޕާޓީގެ މަޤާމުތަކާއި ނިންމުންތަކަށް އިތުބާރާއި ސައްޙަކަން ލިބިދެވޭނީ އިންތިހާބުތަކުން ކަމަށް ވެސް އެ ޓީމުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ނަޝީދުގެ ވާދަވެރި ކެންޑިޑޭޓު، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަޙުމަދު ނަސީމް ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިންތިހާބުގެ ތާވަލު ބަދަލުކުރަން ކޯޓަށް މައްސަލަ ހުށަހެޅުމަކީ ޕާޓީގެ އަސާސީ ސިފަތަކާ ޚިލާފު، ބީރައްޓެހި ޢަމަލެއް ކަމަށް ވިދާޅުވެފައެވެ.