ގާނޫނާ ހިލާފު އަމަލުތައް ހުއްޓާނުލައިފި ނަމަ، ޕީއެންއެފާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

ޕީއެންއެފްގެ މުޒާހަރާއެއްގެ ތެރެއިން -- ފޮޓޯ: ޕީއެންއެފް

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ސިލްސިލާކޮށް ބާއްވާ އެއްވުންތަކުގައި ގާނޫނާ ހިލާފު އަމަލުތައް ތަކުރާރުކުރަމުންދާ ކަމަށް ބުނެ، އެ އަމަލުތައް ހުއްޓާނުލައިފި ނަމަ ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފިއެވެ.

އީސީން ނެރުނު ބަޔާނެއްގައިވާ ގޮތުން، ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުން ހުއްދަކުރާ ދާއިރާއިން ބޭރުގައި މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ ހަރަކާތްތައް ބޭއްވުމަކީ ސުލޫކީ މިންގަނޑާ ހިލާފު އަމަލެކެވެ.

އޭގެ އިތުރުން، އެއް ޕާޓީއަކުން ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި އެއް ވަގުތަކާ ދިމާކޮށް އެހެން ޕާޓީއަކުން ބައްދަލުވުމެއް ބާއްވަން މަސައްކަތްކުރުމަކީ ވެސް އެ ގާނޫނުގެ 45 ވަނަ މާއްދާގެ (އ) އާއި (މ) އާ ހިލާފު ކަމެއް ކަމަށް އީސީން ބުންޏެވެ.

އީސީން ބުނީ މިފަދަ އަމަލުތައް ނުހިންގުމަށް ޕީއެންއެފަށް ނަސޭހަތްތެރިވެ އެކަން އެ ޕާޓީއަށް އަންގާފައިވާ ކަމަށެވެ. އަދި އެކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ކޮމިޝަނަށް ހާޒިރުވުމަށް ދައުވަތު ދީފައިވީ ނަމަވެސް، ޕީއެންއެފުން އެކަމަށް އުޒުރުވެރިވެފައިވާ ކަމަށް ވެސް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.