އެޗްއާރުސީއެމްގެ ރިޕޯޓުގެ ހޯދުންތަކަކީ ކުށެއް ކަނޑައަޅާ ނިންމުންތަކެއް ނޫން: ފުލުހުން

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) ގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ހިމެނޭ ހޯދުންތަކަކީ ގާނޫނީ ގޮތުން ކުށެއް ނުވަތަ ނުރަނގަޅު ޢަމަލެއް ހިންގާފައިވާ ކަން ކަނޑައަޅާ ނިންމުންތަކެއް ނޫން ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނެފިއެވެ.

ފުލުހުންގެ ހިދުމަތުން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ، އެ ރިޕޯޓުގައި ހިމެނޭ ހޯދުންތަކަކީ ކަންކަން އިސްލާހުކުރުމަށް ދީފައިވާ އިރުޝާދުތަކާއި ލަފާތަކެއް ކަމަށެވެ. އަދި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ މުޅި ނިޒާމަށް އަމާޒުކޮށްފައިވާ ކަންކަން ކަމަށާއި، ވަކި މުއައްސަސާއަކަށް އެކަނި ދިމާވެފައިވާ ގޮންޖެހުންތަކެއް ނޫން ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، އެ ރިޕޯޓާ ގުޅިގެން ބައެއް މީޑިއާތަކުން ޚަބަރު ގެނެސްދިނުމުގައި ބޭނުންކޮށްފައިވާ ބަސްމަގާއި މާނަކޮށްފައިވާ ގޮތާ މެދު ފުލުހުންގެ ހިދުމަތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރިޕޯޓުގެ އަސްލު މަގުސަދާއި އޭގައި ބަޔާންކޮށްފައިވާ ކަންކަމުގެ ފުންމިނަށް ބެލުމެއް ނެތި، މުއައްސަސާތަކަށް ކުރިމަތިވެފައިވާ ވަސީލަތްތަކާއި އޮޕަރޭޝަނަލް ގޮންޖެހުންތަކަށް ރިއާޔަތް ނުކޮށް ހަބަރު ފަތުރާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ ހިދުމަތުން ބުނީ، މިނިވަން މުއައްސަސާތަކުން އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި އަދާކުރާ ދައުރު ބަލައިގަންނަ ކަމަށާއި، ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކޮށް ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެޗްއާރުސީއެމް އާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމުގައި ދެމިއޮންނާނެ ކަމަށެވެ.