”އައިޝާ“ ޑޮކިއުމެންޓްރީގެ ތަހުގީގަށް އީޝާ ހާޒިރުކޮށްފި، ބޭނުންވަނީ ހުރިހާ ތަފުސީލެއް ކިޔައިދޭން

އީޝާ އަޝްރަފް --

”އަދަދު“ ނޫހުން އާންމުކުރި ”އައިޝާ“ ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް ސ. މީދޫ/ އައިޝަތު އީޝާ އަޝްރަފު މިރޭ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފިއެވެ.

އީޝާ ފުލުހަށް ހާޒިރުކޮށްފައިވަނީ މިރޭ 9:00 ގައެވެ. ފުލުހުން އީޝާއަށް ކުރަނީ އެ ޑޮކިއުމެންޓްރީ ހެދުމުގައި ބައިވެރިވި ކަމުގެ ތުހުމަތެވެ. އީޝާގެ ގާނޫނީ ވަކީލު، ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ މައްސަލައިގެ ތަހުގީގަށް ބަޔާން ދިނުމަށް އީޝާ އެއްބަސްވެފައިވާ ކަމަށާއި، ބޭނުންވަނީ ހުރިހާ ތަފުސީލެއް ތަހުގީގަށް ކިޔައިދޭން ކަމަށެވެ.

ޝަމީމް ވިދާޅުވީ އީޝާއަކީ މި މައްސަލައިގައި އަނިޔާ ލިބިފައިވާ ފަރާތެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އީޝާ ވިކްޓިމަކަށްވި ގޮތް މީޑިއާތަކަށް ހާމަކުރައްވާނެ ކަމަށެވެ. މައްސަލައިގެ ތަހުގީގަށް ބޭނުންވާ ވަރަށް ފުލުހުންނަށް މިހާރު މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ޝަމީމު ވިދާޅުވިއެވެ.

އީޝާގެ އެހެން ވަކީލެއް ކަމަށްވާ މުހައްމަދު ފަރީދު ވިދާޅުވީ ”އައިޝާ“ ޑޮކިއުމެންޓްރީގައި ވާހަކަ ކިޔައިދޭ އަންހެން މީހާއަކީ އީޝާކަން އެނގުނު ގޮތުގެ ހެއްކެއް ފުލުހުންނަށް އަދި ލިބިފައިނުވާ ކަމަށެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގަޒްފުގެ ތުހުމަތުކޮށް އުފައްދާފައިވާ ޑޮކިއުމެންޓްރީއަކާ ގުޅިގެން ހިންގާ ތަހުގީގެކެވެ. މި މައްސަލައިގައި އަދަދުގެ ސީއީއޯ ހުސެއިން ފިޔާޒާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒްފުގެ ކުށާއި ކުށެއް ކުރުމަށް ރޭވުމާއި ބައިވެރިވުން ހިމެނޭ ގޮތަށް ފަސް ޖިނާއީ ތުހުމަތެއް ފުލުހުން ކުރެއެވެ. އެ ދެ މީހުން ވެސް ފުލުހަށް ހާޒިރުކޮށްފައިވާ އިރު، އީޝާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފައެވެ. މި މައްސަލައާ ގުޅިގެން ”އަދަދު“ ނޫހަށް ފުލުހުން ވަދެ އެތަން ބަލައި ފާސްކުރީ މިދިޔަ މަހުގެ 27 ގައެވެ.