ފީއަލި އަލިފާނުގެ ހާދިސާ: ފިހިގެން ފަރުވާ ދެމުންދިޔަ ބިދޭސީ މީހާ ނިޔާވެއްޖެ

9 އެޕްރިލް 2026: ފ. ފީއަލީ ތެޔޮ ބޯޓެއްގައި ރޯވެ އަނދަނީ --- ފޮޓޯ/ އެމްއެންޑީއެފް

ފ. ފީއަލީ ބަނދަރުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެ ހިނގި ހާދިސާގައި ފިހިގެން ފަރުވާ ދެމުންދިޔަ ބިދޭސީ މީހާ ނިޔާވެއްޖެ އެވެ.

މިދިޔަ އޭޕްރިލް މަހުގެ ނުވަވަނަ ދުވަހުގެ ހެނދުނު ހިނގި އެ ހާދިސާގައި ބިދޭސީ މީހާގެ އިތުރުން ދިވެއްސަކުވެސް ފިހުނެވެ. ނަމަވެސް ބިދޭސީ މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވުމުން ވަގުތުން ސީ އެމްބިއުލާންސްގައި މާލެ ގެނެސް އައިޖީއެމްއެޗްއަށް ގެނަ އެވެ. އައިޖީއެމްއެޗްގައި އެ ބިދޭސީ މީހާއަށް ފަރުވާ ދެމުންދިޔައީ ވެންޓިލޭޓަރުގަ އެވެ.

ފުލުހުން މިއަދު ބުނީ، ބިދޭސީ މީހާއަށް ފަރުވާ ދެމުންދަނިކޮށް މި މަހުގެ ހަތަރުވަނަ ދުވަހު ނިޔާވެފައިވާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ޖެހިގެން އައި ދުވަހު ގައުމަށް ފޮނުވާލާފައިވާ ކަމަށްވެސް ބުންޏެވެ.

މި ހިނގި އެ ހާދިސާގައި ބަނދަރުގައި އަޅާފައި އޮތް އާންމު މަސްވެރިކަންކުރާ ދެ ދޯންޏެއްގައާއި ފަރުމަސްވެރިކަންކުރާ އެއް ދޯނީގައިވެސް ރޯވި އެވެ.