ހުއްދަ ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަން ބޭރުގެ ދެ ބޯޓެއްގެ މައްސަލަ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، ރާއްޖޭގެ މެރިޓައިމް ގާނޫނުގެ ދަށުން އެ ދެ ބޯޓަށް އަންގަންޖެހޭ އެންގުންތައް އެންގި ނަމަވެސް އެކަމަށް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ. އެ ބޯޓުތައް ރާއްޖެ ވަން ސަބަބެއް މިހާތަނަށް އަދި ސާފު ނުވާ ކަމަށް ވެސް މުންދު ވިދާޅުވިއެވެ.
އެ މައްސަލަ މަލްޓި އެޖެންސީ ގޮތަށް ތަހުގީގުކުރަމުންދާ ކަމަށާއި އެއީ އެމްއެންޑީއެފާއި ފުލުހުންނާ ކަސްޓަމަސް ގުޅިގެން ކަމަށް މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ، އެ އުޅަނދުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަން ނަމަވެސް ނުރައްކާތެރި އެއްވެސް އެއްޗެއް އެތެރެވިކަން އެނގިފައި ނުވާ ކަމަށެވެ. މީގެ އިތުރުން މުންދު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ބޮޑު ސަރަހައްދެއް ކަމުން އެ ސަރަހައްދު ބެލެހެއްޓުމަކީ އުނދަގޫ މަސައްކަތެއް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރާނެ ކަމަށެވެ.









