މިއީ ހެއްލެންވީ ވަގުތެއް ނޫން، ޕީއެންސީއަކީ ކޯޓުން ނަތީޖާ ނެރޭ ބައެއް ނޫން: އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ---

މިއީ މާޔޫސްވާންވީ ވަގުތު ނޫން ކަމަށާއި، މަގުތައް މަތިން ދައްކާ ވާހަކައަށް ހެއްލެންވީ ވަގުތެއް ނޫން ކަމަށް ވިދާޅުވެ، 2028 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ކާމިޔާބު ހޯދުމަށް އަޒުމް އާކުރެއްވުމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އއ. ހިމަންދޫން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އެ ޕާޓީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މިއީ އުންމީދު އާކޮށް ހިތްވަރާ އެކު ނިކުންނަންވީ ވަގުތު ކަމަށާއި، މަގުތައް މަތިންނާއި ކަންކަން މަތިން ދައްކާ ވާހަކައަށް ރައްދު ދޭނީ އަމަލާއި ބަހުން ނަތީޖާ ނެރެގެން ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕީއެންސީގެ ފިކުރަކީ ގައުމީ ފިކުރެއް ކަމަށާއި، ތަރައްގީ އާއި އެއްބައިވަންތަކަމާއި ސުލްހަ މަސްލަހަތުގެ ފިކުރެއް ކަމަށެވެ.

މަލްޓިޕާޓީ ޑިމޮކްރަސީގެ ތެރެއިން 2008 އިން ފެށިގެން ކުރެވުނު ވެރިކަންތަކަށް އިޝާރާތްކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ކުރީގެ ފިކުރުގައި ކުރި ވެރިކަމާއި އެމްޑީޕީ ފިކުރުގެ ދެ ވެރިކަމާއި މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވެސް ތަޖުރިބާކޮށްފައިވާ ކަމަށާއި، އަޅައިކިޔާލީމާ ތަފާތު ފެންނާނެ ކަމަށެވެ.

”އަޅުގަނޑުމެންނަކީ ވޯޓުން ބަލިވީމަ، ކޯޓުން ނަތީޖާ ނެރޭ ބައެއް ނޫން. އަޅުގަނޑުމެންނަކީ ރައްޔިތުންގެ ނިންމުން ބަލައިގަނެ، އެއަށް އިހުތިރާމުކޮށް، ރައްޔިތުންގެ ވިންދާއި ރައްޔިތުންގެ ރޫހާ އެއްގޮތަށް ކުރިއަށް އޮތްތަން ރާވަން އެނގޭ، ރާވަން ކެރޭ، އެ ހިތްވަރު ހުރި ފިކުރެއްގެ ތެރެއިން އައިސް ތިބި ބައެއް“ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމަށް ނުސީދާ ރައްދެއް ދެއްވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ.