ހިމަބިހި ފެތުރެމުންދާތީ އައިޖީއެމްއެޗްގައި ހެލްޕް ޑެސްކެއް ހުޅުވައިފި

އައިޖީއެމްއެޗް

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާތީ ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ’ހެލްޕް ޑެސްކް‘ އެއް ހުޅުވައިފި އެވެ.

ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެކެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް ރާއްޖެއިން ވަނީ މި ބަލީގެ ހަތް ކޭސް ފެނިފަ އެވެ. އަދި ބަލި ޖެހުނު މީހުންނާ ކޮންޓެކްޓްވި 74 އަށްވުރެ ގިނަ މީހުން ވަނީ ދެނެގަނެވިފަ އެވެ.

ހިމަބިހި ފެތުރެމުންދާތީ ހުޅުވި ހެލްޕް ޑެސްކް ހުންނާނީ މެއިން އީއާރުގެ އެމްބިއުލާންސް މަޑުކުރާ ސަރަހައްދު ކައިރީގައެވެ. އެ ތަނުން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ރޭގަނޑު 11:00 އަށް ހިދުމަތް ދޭނެ އެވެ.

އައިޖީއެމްއެޗް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކުޑަކުދިންނާއި މާބަނޑު މީހުން ހިމެނޭހެން، ހުން އައުމާއެކު ހަށިގަނޑުގައި ރަތްކުލައިގެ ބިހި ނެގުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ، ހޮސްޕިޓަލަށް ދިއުމަށްފަހު އެންމެ ފުރަތަމަ މި ޑެސްކަށް ރިޕޯޓުކުރުމަށް އެދޭ ކަމަށެވެ.

އަދި ރޭގަނޑު 11:00 ގެ ފަހުން މިފަދަ އަލާމާތްތަކެއް ހުރެގެން ކުއްލި ފަރުވާ ބޭނުންވެގެން ހޮސްޕިޓަލަށް އަންނަ ބަލި މީހުންގެ ތެރެއިން ބޮޑެތި މީހުންނާއި މާބަނޑު މީހުން މެއިން އެމަޖެންސީ ރޫމްގެ ޓްރައޭޖަށް އަދި ކުޑަކުދިން، ކުޑަކުދިންގެ އެމަޖެންސީ ރޫމްގެ ޓްރައޭޖަށް ދިއުމަށްވެސް ހޮސްޕިޓަލުން އެދެ އެވެ.

އައިޖީއެމްއެޗް އިން ވަނީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި ހޮސްޕިޓަލަށް އަންނައިރު މާސްކު އެޅުމަށާއި ބަލި މީހާ އާއެކު ވީހާވެސް މަދު އެހީތެރިން އައުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

ހިމަބިހީގެ މައިގަނޑު އަލާމާތްއް:

  • ހުން އައުން
  • ކެއްސުން
  • ލޯ ރަތްވުން
  • ހަށިގަނޑުގައި ރަތް ކުލައިގެ ބިހިތަކެއް ނެގުން

މި ބައްޔަކީ ނޭވާލާ ނިޒާމުގެ ތެރެއިން، ބަލިޖެހިފައިވާ މީހަކު ކެއްސައި ކިނބިހި އެޅުމުގެ ތެރެއިން ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ. އަދި ހަށިގަނޑުން ބިހިތައް ފެނުމުގެ ހަތަރު ދުވަސް ކުރިންނާއި ބިހި ނަގާ ހަތަރު ދުވަސް ފަހުން ވެސް އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ.